ތިމާވެށި

ޒޯން އެކެއްގައި ހިމެނޭ 4 ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި


ޒޯން 1ގެ ކުނި މެނޭޖުކުރުމުގެ މަޝްރޫއުގެ ދަށުން ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން 4 ރަށެއްގެ ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ވަރޗުއަލްކޮށް ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަނެވެ. އަދި ކައުންސިލްތަކުގެ ފަރާތުން މަންދޫބުން ވަނީ ސޮއިކުރައްވާފައެވެ.

މިއީ 2021 ވަނައަހަރުގެ ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން 5 މިލިއަން ރުފިޔާއަށްވުރެ ކުޑަ މަޝްރޫޢުތައް އެރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލްތަށް މެދުވެރިކޮށް ތަންފީޒުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ރަށު ކައުންސިލްތަކާ ޙަވާލުކުރެވުނު މަސައްކަތެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި އުސޫލުން މަސައްކަތް ހަވާލުކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަކީ ކައުންސިލްގެ ބެލުމުގެ ދަށުން، ކައުންސިލްގެ ލަފަޔާއެކު ކުރިޔަށް ގެންދާ، ކައުންސިލްތައް ބާރުވެރި ކުރުނަވި މަޝްރޫއުތެކެއް ކަމުގައި މިމަޝްރޫއުތައް ހެދުންކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ސޮއިކުރި ރަށްތަކަކީ :

  • ހއ. ފިއްލަދޫ
  • ހއ. ބާރަށް
  • ށ. ކޮމަންޑޫ
  • ށ. ފުނަދޫ

މި 4 ރަށުގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަށް ޖުމްލަ 3 މިލިއަން، ފަސްލައްކަ އަށްޑިހަ ނުވަހާސް ހަ ސަތޭކަ ބާރަ ރުފިޔާ ޚަރަދުވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން މި 4 ރަށުގެ ކައުންސިލްތަކުން ތަންފީޒުކުރާ މަޝްރޫޢުތަކުގެ އެންމެހާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެކައުންސިލަކުންނެވެ. އޭގެ ތެރޭގައި އެރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ޓެންޑަރކޮށް ކޮންޓްރެކްޓަރ ޢައްޔަންކުރުމާއި، އެފަރާތާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމާއި އަދި މީގެ އިތުރުން މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) ނުވަތަ އެންވަޔަރަންމަންޓް މެނޭޖްމަންޓް ޕްލޭން (އީ.އެމް.ޕީ) ހަދަންޖެހޭނަމަ އެމަސައްކަތްތައްވެސް ކަނޑައެޅިފައި އޮންނަ އުޞޫލުން ކުރިއަށްގެންދާނީ އެރަށެއްގެ ރަށު ކައުންސިލަކުންނެވެ. އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ ދައުރަކީ ކޮންމެ ރަށެއްގައިވެސް މަޝްރޫޢު ކުރިއަށްދާގޮތް ބަލާ މޮނިޓަރ ކުރުމާއި އެރަށަކަށް ބޭނުންވާ ބަޖެޓް ހަމަޖެހިފައި އޮންނަ އުޞޫލުން އެރަށެއްގެ ކައުންސިލަށް ޓްރާންސްފަރ ކުރުންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ކޮންމެ ރަށެއްގައިވެސް ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކޮށް ނިމުމުން އެތަންތަނާއި އަދި އެތަންތަނުގައި ބެހެއްޓޭ އިކުއިޕްމަންޓްތައް އެސެޓް ޓްރާންސްފަރ ހެދުމަށްފަހު އެރަށެއްގެ ރަށު ކައުންސިލްގެ މިލްކެއްގޮތުގައި ހަމަޖެއްސުމަށް ކަނޑައަޅާފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އެ މިނިސްޓްރީން ދާދިފަހުން ވަނީ 10 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމުކުރުމުގެ އެއްބަސްވުންތަކުގައި އެ ރަށްރަށުގެ ކައުންސިލްތަކާއެކުވެސް ސޮއިކުރައްވާފައެވެ.