ޔުއޭފާ ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް އެކެއްގައި ފަރަންސޭސިވިލާތުން ރަށުން ބޭރުގައި ތުރުކީޔޭ އާއި ބައްދަލުކުރާ މެޗު ފަސޭހަ ނުވާނެކަމަށް ފަރަންސޭސިވިލާތުގެ ކޯޗު ކަމާއި އަލަށް ހަވާލުވި ޒިނެޑީން ޒިދާން ބުނެފިއެވެ.
ޒިދާން މިހެން ބުނެފައިވަނީ ތުރުކީޔޭ އާއި ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ޒިދާން ބުނީ ތުރުކީޔޭ އަކީ ރަނގަޅު ކުޅުންތެރިން ތަކެއް ތިބި ވަރަށް ވާދަވެރި ޓީމެއް ކަމަށާއި ރަށުން ބޭރުގައި ތުރުކީޔޭ އާއި ކުޅުމަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށެވެ. ޒިދާން ބުނީ 14 އަހަރަށް ފަހު ޤައުމީ ޓީމުގެ ކޯޗު ބަދަލުވުމުން އަލަށް އަންނަ ކޯޗަކަށް ގިނަ ބަޔެއްގެ ސަމާލު ކަން ހުއްޓިގެން ދިއުން އެއީ އާންމުކޮށް އެކަން ވާނެ ގޮތް ކަމަށާއި ނަމަވެސް މިތާނގައި މުހިންމު ބަޔަކީ ކުޅުންތެރިން ކަމަށެވެ.
ޒިދާން ބުނިގޮތުގައި މިމެޗަށް ކުރިމަތިލާއިރު ޓީމާއެއްކޮށް އޭނާއަށް ބޭއްވޭވަރުވީ ތިން ފަރިތަކުރުން ކަމަށާއި އަދި އޭގެ އިތުރުން މިމެޗަށް ހުރިހާ ކުޅުންތެރިން ދަތުރު ކުރަން ޖެހިފައިވީ ނަމަވެސް މުހިންމީ މިމެޗަށް ނިކުންނައިރު ޓީމު ރަނގަޅަށް ތައްޔާރުވެފައިތިބުން ކަމަށެވެ.
އުމުުރުން 54 އަހަރުގެ ޒިދާން ފަރަންސޭސި ޤައުމީ ޓީމާއި ހަވާލުވެފައިމިވަނީ އެމަގާމުގައި ވޭތުވެދިޔަ 14 އަހަރު ހުރި ޑިޑިއަރ ޑޭޝޯމް ވޯލްޑް ކަޕަށްފަހު އެޓީމާއި ވަކިވުމުންނެވެ. ޤައުމީ ޓީމާއެކު ކާމިޔާބު ދުވަސް ތަކެއް ކުޅުންތެރިއެއްގެ ހައިސިއްޔަތުން ހޯދުމުގެ އިތުރުން ކްލަބް ލެވެލްގައި ރެއާލް މެޑްރިޑާއެކު ފާހަގަ ކޮށްލެވޭ ކާމިޔާބީ ތަކެއް ހާސިލް ކޮށްފައިވާ ޒިދާން މިމަގާމާއި ހަވާލުވުމުން ފަރަންސޭސިވިލާތުގެ ރައްޔިތުންގެ އިތުރުން ދުނިޔޭގެ ސަމާލުކަންވެސް ޒިދާނަށްވަނީ ލިބިގެން ގޮސްފައެވެ. ފަރަންސޭސިވިލާތް ހިމެނޭ ގްރޫޕްގައި ދެން ހިމެނެނީ އިޓަލީވިލާތާއި ބެލްޖިއަމް އެވެ.
ތުރުކިޔޭ މެޗު އުނދަގޫ ވާނެކަމަށް ޒިދާން ބުނެފައިވާއިރު ތުރުކިޔޭގެ ކޯޗު ވިންސެންޒޯ މޮންޓޭލާ ބުނީ ވޯލްޑް ކަޕްގައި އެޓީމަށް ކުރިމަތިވި ނާކާމިޔާބީ އާއި ގުޅިގެން މިފަހަރުގެ ނޭޝަންސް ލީގަށް ކުރިމަތިލާއިރު ޓީމުގެ ފަރާތުން ކާމިޔާބީ ހޯދުމުގެ އާޖޯޝެއް ފާހަގަ ކުރެވިފައިވާކަމަށެވެ. މޮންޓޭލާ ބުނީ ވޯލްޑް ކަޕްގައި ދުރައްދާން ބޭނުންވި ނަމަވެސް އެކަން ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ނަމަވެސް މިހާރު އޭނާގެ ކުޅުންތެރިންގެ ކިބައިން އެކަމުގެ މާޔޫސް ކަމުގެ ބަދަލުގައި ފެނިގެންދަނީ އާހިތްވަރަކާއެކު މަސައްކަތް ކުރާ ތަން ކަމަށެވެ. އަދި އެޓީމުގެ ފެންވަރު ދައްކާލުމަށް ނޭޝަންސް ލީގަށް ވުރެ ރަނގަޅު މުބާރާތެއް ނޯންނާނެކަމަށްވެސް ތުރުކީޔޭ ކޯޗު ފާހަގަ ކުރިއެވެ.