ރ. މަޑުއްވަރީ ދެކުނު ފަރާތުގައި އަލަށް ތަރައްޤީކުރާ ބަނދަރުގެ މަސައްކަތް އަންނަ ޖޫންމަހަށް ނިންމާލެވޭނެކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.
މަޑުއްވަރީގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅެވެ.
މަޑުއްވަރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައްކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތުގެ 45 އިންސައްތަ މިހާރު ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. މަޑުވައްރީ ބަނދަރުގެ މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާނަމަ މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ބަނދަރުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލެވޭނެކަމަށް އެމް.ޓީ.ސީ.ސީން ހާމަކުރައްވައެވެ.
މި މަޝްރޫޢުގެ ދަށުން 7280 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 65،520 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 411 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވެއެވެ. އަދި 566 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއި، 135 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން 2825 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި، މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވެއެވެ.
މަޑުއްވަރީގައި އައު ބަނދަރެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމީ އެރަށުގައި މިހާރު ބޭނުންކުރާ ބަނދަރު ވަރަށް ބޮޑު ހަލާކުވެ، ޒަމާނީ ބަނދަރެއްގެ ބޭނުން އެރަށަށް ޖެހިފައިވާތީއެވެ.
ރަށުގައި މިހާރު ބޭނުންކުރާ ބަނދަރުގެ ބޭރުތޮއްޓާއި އެއްގަމު ތޮށީގެވެސް ބޮޑުބައެއް ހަލާކުވެފައިވާއިރު، އެކަމުގެ ސަބަބުން ރަށަށް އަރާފޭބުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަން ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކާއި، މޫސުންގޯސްވާ ދުވަސްދުވަހު ބަނދަރު ބޭނުންކުރުން އެހާ ރައްކާތެރި ނޫންކަންވެސް އެ ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.
އަލަށް ތަރައްޤީކުރާ ބަނދަރާއެކު ރަށަށް އަރާފޭބުމުގައި ހުރި ދަތިތަކަށް ހައްލެއްލިބި، އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުންވެސް ރަށަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އެ ރަށުގައި އައު ބަނދަރެއް ތަރައްޤީކުރުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 26 އޯގަސްޓް 2019 ގައެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 29 ނޮވެމްބަރު 2019 ގައެވެ. 2400 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ މަޑުއްވަރީގައި ތަރައްޤީކުރާ ބަނދަރުގެ މަސައްކަތަށް ދަޢުލަތުގެ ބަޖެޓުން 68.66 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.