ތަރައްްޤީ

4 އެއަރޕޯޓް އަޅާދޭން ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިމަހުގެ ނިޔަލަށް


4 ރަށެއްގައި އެއަރޕޯޓް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލި ފުރުސަތު މުއްދަތު އިތުރުކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފައިވަނީ ބ. ތުޅާދޫއާއި، ތ. ވިލުފުށްޓާއި، ށ. ބިލަތްފަހި އާއި ހދ. މަކުނުދޫގައި އެއަރޕޯޓް އަޅައިދޭނެ ބަޔަކު ހޯދުމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ އެދުމުގެ މަތިން ހުޅުވާލި މިފުރުޞަތުގައި އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި މި މަސައްކަތްތަކަށް އީ.އޯ.އައި ހުށަހަޅާއިރު އެއްލޮޓަށް ނުވަތަ އެއަށްވުރެ ގިނަ ލޮޓަށް އީ.އޯ.އައި ހުށަހެޅުމުގެ އިޚްތިޔާރު ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ލިބިގެންވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަސައްކަތާ ގުޅޭ ޓާމްސް އޮފް ރިފަރެންސް 31 ޖެނުއަރީ އިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އީއޯއައި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު މިހާރުވަނީ މިމަހުގެ 28 ވަނަދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. ކުރިން މި ފުރުސަތު އޮތީ މިމަހުގެ 15ގެ ނިޔަލަށެވެ.

ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ ސިޔާސަތުތަކުގެ ދަށުން ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާކަން ޔަގީން ކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޢިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މި އަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގައި އެއަރޕޯޓް ތަރައްޤީކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އޭގެ ތެރެއިން، މ. މުލީގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް، މިމަހުގެ ތެރޭގައި ބަޔަކާ ޙަވާލުކުރެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

4 އެއަރޕޯޓް އަޅައިދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު ގދ. ފަރެސްމާތޮޑާގައި އަޅާ އެއަރޕޯޓް ޢަމަލީ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއެވެ. އަދި މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ފަރެސްމާތޮޑާ އެއަރޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމުމަށް އެކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށުން ފުރައިގެން 30 މިނެޓުން ދެވޭ ސަރަހައްދުތަކުގައި ވައިގެ ބަނދަރު ގާއިމްކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.