ހުޅުމާލެ ފޭސް އެކެއްގައި ހަދާފައިވާ ސިންތެޓިކް ޓްރެކް، ބައިނަލްއަޤްވާމީ މިންގަނޑަށް ފެތޭގޮތަށް އަލުން އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ސަރުކާރުން ފަށާފައި މިވަނީ، ހުޅުމާލެ ސިންތެޓިކް ޓްރެކް، ފުލް ޕީޔޫ [ޕޮލިއުރެތޭން] ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި، މި ޓްރެކުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނިންމާލެވޭނެއެވެ.
ހުޅުމާލެ ސިންތެޓިކް ޓްރެކަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެޅިގެންދިޔަ ޓްރެކެކެވެ. އެކަމަކު ޓްރެކްގެ ސިންތެޓިކް ހަލާކުވެ، އެތުލީޓުންނަށް އޭގެ ސަބަބުން ގެއްލުންތަކެއް ވަމުން އަންނަކަން ކުޅިވަރާ ބެހޭ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށް، މިދިޔަ މަހުގެ 27ވަނަ ދުވަހު ބޭއްވި އަހާ ފޯރަމްގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެފައިވެއެވެ.
ވަޒީރު ވިދާޅުވީ ހުޅުމާލޭގައި މިހާރު އެޅިފައިވާ ސިންތެޓިކް ޓްރެކަކީ ބައިނަލްއަގްވާމީ ސްޓޭންޑަޑްތަކަށް ހެދިފައިވާ ޓްރެކެއް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެތުލީޓުން ރެކޯޑެއް ހެދިކަމުގައިވިޔަސް، ވޯލްޑް އެތުލެޓިކްސްގެ އުސޫލު އޮންނަ ގޮތުން ރެކޯޑް ގުނަނީ ހަމައެކަނި ވޯލްޑް އެތުލެޓިކްސް އެސޯސިއޭޝަން ގަބޫލުކުރާ ފެންވަރުގެ ޓްރެކްގައި ހަދާ ރެކޯޑްތައް ކަމަށެވެ.
ވަޒީރު ވިދާޅުވީ، މިހާރު އޮތް ޓްރެކްގެ ބަދަލުގައި ދެން ގާއިމުކުރާ ޓްރެކް ވެގެންދާނީ ވޯލްޑް އެތުލެޓިކްސްއިން ގަބޫލުކުރާ ފެންވަރުގެ ޓްރެކަކަށް ކަމަށެވެ.
ވަޒީރު ވިދާޅުވީ، ހުޅުމާލެ ސިންތެޓިކް ޓްރެކްގެ އިތުރުން މާލެ ސިންތެޓިކް ޓްރެކްވެސް އިންޓަނޭޝަނަލް ސްޓޭންޑަޑަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.