ޚަބަރު

ބ.އަތޮޅުގެ ތިން ރަށެއްގެ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް އަންނަ ހަފްތާގައި ފަށަނީ


ބ.އަތޮޅުގެ ތިން ރަށެއްގެ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް އަންނަ ހަފްތާގައި ފެށޭނެ ކަމަށް މަސައްކަތުގެ ކޮންޓެކްޓަރ އެމްޓީހޯގާޑް އިން ބުނެފިއެވެ. ބަނދަރު ހެދުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ދޮންފަނާއި ކިހާދޫ އާއި ކުޑަރިލުގައެވެ.

ބަނދަރު ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ބ.އަތޮޅުގެ ތިން ރަށްކަމަށްވާ ދޮންފަނާއި، ކިހާދޫއާއި، ކުޑަރިކިލުގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީ ހޯގާޑާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 10ވަނަ ދުވަހުއެވެ. އެކުންފުނިން ބުނީ އަމަލީ މަސައްކަތް ނުފެށި ލަސްވެގެން ދިޔައީ އީއައިއޭ ރިޕޯޓް ނުލިބިގެންކަމަށާއި، މިހާރު އެރިޕޯޓް ލިބުމުން މަސައްކަތް ފެށުމަށް ތައްޔާރު ވަމުންދާކަމަށެވެ.

ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ މިތިންރަށުގެ ތެރެއިން ކުޑަރިކިލާ ދޮންފަނުގެ އެއްގަމު ތޮށިލުމަށް ބޭނުންކުރާ ގާތަކާއި، މަސައްކަތް ކުރުމަށް ބޭނުންކުރާ ބައެއް ވެހިކަލް އެދެރަށަށް ގެންގޮސްފައިވާ ކަމަށް އެމްޓީ ހޯގާޑުން މައުލޫމާތުދެއެވެ.

ކިހާދޫ ބަނދަރު ހެދުމަށް ބޭނުންވާ ސާމާނު ނުގެންގޮސްލަސްވަނީ ބަނދަރުގެ ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ރައްޔިތުން އެދުމުން އެކަން ކުރަމުން ދިއުމާގުޅިގެން ކަމަށް އެމްޓީ ހޯގާޑުން މައުލޫމާތުދެއެވެ. މިހާރު އެމައްސަލަ ހައްލުވެފައިވާކަމަށާއި، އެހެންކަމުން ލަސްނުވެ ކިހާދޫ ބަނދަރުގެ އެއްގަމު ތޮށިލުމަށް ބޭނުންވާ ގައު އެރަށަށް ގެންދެވޭނެ ކަމަށް ކޮންޓެކްޓަރ މައުލޫމާތުދެއެވެ.

މިތިން ރަށުގެ ތެރެއިން އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ދޮންފަނު ބަނދަރު ހެދުމުގެ މަސައްކަތެވެ.

މި ތިންރަށުގެ ބަނދަރު ޑިޒައިންކޮށް ބަނދަރުހެދުމަށް ބޭނުންވާ ސާވޭތައް ހެދުމާއި ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީ ހޯގާޑާ ހަވާލުކޮށްފައިވަނީ 318 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް 108.3 މިލިއަން ރުފިޔާއަށެވެ. މި ބަނދަރުތަކުގެ މަސައްކަތް ނިންމަން ކަނޑައަޅާފައި އޮތް ތާރީޚަށް ނިންމާލެވޭނެ ކަމަށް އެމްޓީ ހޯގާޑުން މަޢުލޫމާތުދެއެވެ.