ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، މާލޭ އިންޑޯ ހޭންޑްބޯޅަ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.
ކުޅިވަރު ވުޒާރާއާއި ހޭންޑްބޯލް އެސޯސިއޭޝަން ގުޅިގެން މި މަޝްރޫޢަށް ބޮޑު ހޭދައެއް ކުރަމުންދާއިރު، މި މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން މާލޭގައި އިތުރު ކޯޓެއް ނެތުމުގެ ދަތިކަން ކުލަބުތަކަށާއި ސްކޫލުތަކަށް ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.
މި މަޝްރޫޢުގެ ދަށުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކޮށް، ލައިޓިންގ ސިސްޓަމް ހަރުކުރުމުގެ އިތުރުން، ގިނަ އަދަދެއްގެ ބަޔަކަށް އެއްފަހަރާ މެޗުތައް ބަލަން ތިބެވޭނެ އިންތިޒާމުތައްވެސް ހަމަޖެހިގެންދާނެއެވެ.
މާލޭގައި އެންމެ ފުރަތަމަ ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކޮށް ބޭނުންކުރަން ފަށާފައިވަނީ 2021 ވަނަ އަހަރުއެވެ. ނަމަވެސް، ރާއްޖޭގައި އިންޑޯ ހޭންޑްބޯޅަ ކޯޓެއް ނެތުމުގެ ސަބަބުން ކުޅުންތެރިންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުމުން، ކުރީގެ ކޯޓު ތަޅާލައި، ޒަމާނީ ފެންވަރުގެ އައު އިންޑޯ ކޯޓެއް އެޅުމުގެ މަސައްކަތް ސަރުކާރުން ފެށިއެވެ.
މީގެ ކުރިން ރާއްޖޭގައި އިންޑޯ މެޓްގައި ކުޅުމުގެ ފުރުޞަތު ތަނަވަސްވެފައި ނެތް ނަމަވެސް، މިހާރު ތަރައްޤީކުރަމުންދާ އިންޑޯ ކޯޓުގެ މަސައްކަތް ނިމުމުން، ރާއްޖޭގެ ހޭންޑްބޯޅަ ކުޅުންތެރިން ބައިނަލްއަޤްވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް ބޮޑު ފަސޭހަތަކެއް ލިބި، މި ކުޅިވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.