ކޯވިޑް-19

ކޯވިޑް-19 : އުމުރުން 45 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށް ވެކްސިންދޭން ފަށައިފި


އުމުރުން 45 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށް ކޯވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިންދޭން ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، އުމުރުން 45 އަހަރާއި 55 އަހަރާއި ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ ފަރާތްތަކަށާއި 55 އަހަރުން މަތީގެ ފަރާތްތަކަށް މިއަދުން ފެށިގެން ވެކްސިން ޖެހޭނެކަމަށެވެ.

މި ފަރާތްތަކަށް މާލޭ ސޯޝަލް ސެންޓަރުންނާއި ހުޅުމާލޭ ކުރީގެ ފްލޫ ކްލިނިކުގައި ޤާއިމުކޮށްފައިވާ ވެކްސިނޭޝަން ސެންޓަރުން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ހަވީރު 5 އަކަށް ވެކްސިން ޖެހޭނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި ވިލިމާލޭ ޒުވާނުންގެ މަރުކަޒުން ހެނދުނު 9 އިން މެންދުރު 1 އަކަށް ވެކްސިން ޖެހޭނެކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.

ވެކްސިން ޖެހުމަށް ވަޑައިގަތުމުގެ ކުރިން އެކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލްގައި ރަޖިސްޓްރީވުމަށާއި، ވެކްސިން ސެންޓަރަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޑްރައިވިންގ ލައިސެންސް ހިއްޕަވައިގެން ވަޑައިގަތުމަށް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ރަނގަޅަށް ކައިގެން ދިއުމަށާއި، ދިގު މުއްދަތަށް އެހެން ބައްޔަކަށް ބޭސްކާނަމަ، ބޭސް ސިޓީ ހިއްޕަވައިގެން ވަޑައިގަތުމަށްވެސް އެ އެޖެންސީން އިލްތިމާސްކުރައްވައެވެ.

ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ ވެކްސިނޭޝަން ސެންޓަރުތަކަށް ނުދިއުމަށް އެޗް.ޕީ.އޭއިން ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަރާތެއްގެ ޑައިރެކްޓް ކޮންޓެކްޓުންވެސް ވެކްސިނޭޝަން ސެންޓަރުތަކަށް ނުދިއުމަށް އެ އެޖެންސީން އިރުޝާދުދެއްވާފައިވެއެވެ.

ރާއްޖޭގައި ކޯވިޑް ދިފާއު ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ މަސައްކަތް މިހާރު ގްރޭޓަރ މާލޭ ސަރަޙައްދުގެ 7 ސެންޓަރަކުންނާއި، އަތޮޅުތަކުގެ 21 ސެންޓަރެއްގައި ކުރިއަށްދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. ރާއްޖޭގައި މިވަގުތު ޖަހަމުންދަނީ އޮކްސްފޯޑާއި އެސްޓްރާޒެނެކާ ކުންފުނި ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިންގެ 2 ޑޯޒް ޖަހަންޖެހޭއިރު، ފުރަތަމަ ޑޯޒް ޖަހާތާ 28 ދުވަސްފަހުން 2 ވަނަ ޑޯޒް ޖަހަންޖެހޭނެއެވެ.