ތަރައްްޤީ

ހައި ސްޕީޑް ފެރީ ނިޒާމުގެ ތެރެއިން ހުރިހާ ރަށެއްގައި ފެރީ ގިމަތަ ހަދާނެ: އެމްޓީސީސީ


ހައި ސްޕީޑް ފެރީ ނިޒާމުގެ ތެރެއިން އެންމެ ފުރަތަމަ ޙިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޒޯން އެކެއްގެ ހުރިހާ ރަށެއްގައި ފެރީ ގިމަތަ ތަރައްޤީކުރާނެކަމަށް އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ޒޯން އެކެއްގައި ފެރީގެ ޚިދުމަތް ފެށުމަށް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ މިދިޔަމަހުގެ 17 ވަނަ ދުވަހުއެވެ. ޒޯން އެކެއްގައި ހިމެނެނީ ހއ، ހދ އަދި ށ. އަތޮޅުގެ ރަށްތަކެވެ.

ޕީ.އެސް.އެމް ނިއުސްއިން ގެނެސްދިން "ރިޔާސީ ބަޔާން 2021" ގެ ކަވަރޭޖުގައި ވާހަކަދައްކަވަމުން އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ލާމަރުކަޒުކުރުމުގެ އެންމެ މުހިއްމު އެއް އަސާސަކީ އެއްރަށުން އަނެއް ރަށަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވުންކަމަށެވެ. އަދި ހައި ސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަކީ މުލި ރާއްޖޭގައި ބްރިޖެއް އެޅުންފަދަ ބުރަ އަދި އެހާމެ ބޮޑު މަޝްރޫޢެއްކަމަށެވެ.

މިހާރު ބޭނުންކުރާ ފެރީ ނިޒާމަކީ ދުވެލި މަޑު ނިޒާމެއްކަން ފާހަގަކުރައްވާ، އާޒިމް ވިދާޅުވީ، މި ޙިދުމަތަށް އަލަށް ނެރޭ ފެރީތަކާއެކު ކުރިން 3 ގަޑިއިރުން ދެވޭތާކަށް 1 ގަޑިއިރުގެ ތެރޭގައި އަދި 30 މިނެޓުން ދެވޭތާކަށް 10 މިނެޓުން ދަތުރުކުރެވޭނެ ކަމަށެވެ. އަދި މި ފެރީ ނިޒާމާއެކު ހުރިހާ ރަށެއްގައިވެސް ފެރީ ގިމަތަތައް ހެދިގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ މިހާރު ރަށްރަށަށް ފެރީ ދާއިރު އަވީގައާއި ވާރޭގައި މީހުން ތިބެން މި ޖެހެނީ. މިއަދުގެ ސަރުކާރުން ބޭނުންފުޅެއްނުވޭ ފެރީއަށް މަޑުކުރާ މީހަކު އަވީގައި ނުވަތަ ވާރޭގައި ހުންނާކަށް. އެހެންވީމަ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހިޔަލެއް ހުންނާނެ ހެދިފައި މި ފެރީ ނިޒާމު އަންނައިރު. ކުރިއަށްއޮތް 7 މަސް 8 މަސް ދުވަހުގެ ތެރޭގައި މިވަގުތު އަޅުގަނޑުމެންނާއި ޙަވާލުކޮށްފައިވާ 41 ރަށުގައި ކޮންމެ ރަށެއްގައި ފެރީ ގިމަތައެއް ހަދާނަން. ރީތިކޮށް އިށީންދެލައިގެން ތިބެވޭނެގޮތަށް" އާޒިމް ވިދާޅުވިއެވެ.

ހައި ސްޕީޑް ފެރީ ނިޒާމުގެ ތެރެއިން ޙިދުމަތުގައި އެމް.ޓީ.ސީ.ސީން ބޭނުންކުރުމަށް ނިންމާފައިވަނީ 40-50 ދެމެދުގެ މީހުންގެ ޖާގައިގެ 47 ފޫޓުގެ ލޯންޗެވެ. ފުރަތަމަ ޒޯންގައި 41 ރަށަކަށް ޚިދުމަތްދިނުމަށް ހަމަޖެހިފައިވާއިރު، ބޭނުންކުރާނީ އޭސީ ފެރީތަކެއްކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި ކޮންމެ ޕަސިންޖަރަކަށްވެސް 20 ކިލޯގެ ކާގޯ އުފުލޭނެކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ. މި ފެރީތައް ހޯދުމުގެ މަސައްކަތް ވީހާވެސް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން މިހާރު ކުރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.

"ވީހާވެސް އޯޕަން ޕްރޮސެސްގެ ތެރެއިން ލޯންޗުތައް ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން. ގާތްގަނޑަކަށް 17 ވަރަކަށް ލޯންޗު ބޭނުންކުރެވޭނެ. އަދި މީގައި އެޅިގެން މިދަނީ ބާރަށް ދުވާ އިންޖީނުތަކެއް. މި އިންޖީނުތަކަކީވެސް ބޭރުން އޯޑަރކޮށްގެން ގެންނަންޖެހޭ އިންޖީނު. މިހުރިހާ މަސައްކަތަކީ ކުޑަ މަސައްކަތެއްނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ބަލަނީ ޓާގެޓުކޮށްފައިވާގޮތަށް ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރުމަހުގެ ތެރޭގައި މި ލޯންޗުތައް ޙިދުމަތަށް ނެރުން" އާޒިމް ވިދާޅުވިއެވެ.

މި ފެރީތަކަކީ އާއްމުންނަށް ދަތުރުކުރަން ފަސޭހަ، އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން އަރާފޭބޭނެހެން ފަރުމާކޮށްފައިވާ ފެރީތަކެއްކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި ފެރީތައް ދަތުރުކުރާ ގަޑިތަކާއި ޝެޑިއުލް މޯބައިލް ފޯނުން ބަލާލެވޭނެކަމަށާއި، ކުރިއާލާ ސީޓް ބުކްކުރަން ބޭނުންވާ ފަރާތްތަކަށް އެ ޙިދުމަތްވެސް ދެވިގެންދާނެކަމަށް އެމް.ޓީ.ސީ.ސީން ހާމަކުރެއެވެ.