ޚަބަރު

އަވިން ހަކަތަ އުފެއްދުމުގެ މުޅިން އައު 61 މަޝްރޫއެއް ފަށަނީ


އަވިން ކަރަންޓު އުފެއްދުމުގެ މަޝްރޫޢު މިއަހަރުތެރޭގައި 61 ރަށެއްގައި ފެށުމަށް ނިންމަވާފައިވާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ. މިހާރު ރާއްޖޭގެ 26 ރަށެއްގައި އަންނަނީ އަވިން ކަރަންޓު އުފައްދަމުންނެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ މިއަހަރު ތެރޭގައި މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ 61 ރަށުގެ ހަކަތައިގެ ނިޒާމާއެކު ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އިތުރު 36 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވޭތުވެދިޔަ 2 އަހަރު ތެރޭގައި 26 ރަށެއްގައި އަވިން ކަރަންޓު އުފެއްދުމަށް ސޯލާ ޕެނަލް ހަރުކޮށްގެން ކުރިއަށްގެންދެވުނު އެކި މަޝްރޫޢުތަކުގެ ސަބަބުން 2.86 މެގަވޮޓްގެ ކަރަންޓު މިހާރުވެސް އަތޮޅުތެރޭގައި ބޭނުންކުރަމުން އަންނަ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނިމިގެންދިޔަ 2 އަހަރު ތެރޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު 3 ގުނައަށް އިތުރުކުރެވިފައިވާކަމަށެވެ. އަދި މީގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްވެސް މަދުކުރެވިފައިވާކަމަށެވެ.

"ކަރަންޓު އުފެއްދުމުގައިވެސް، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް، 26 ރަށެއްގައި، އަވިން ކަރަންޓު އުފައްދާ 2.86 މެގަވޮޓުގެ ސޯލާ ޕެނަލްތައް މިދިޔައަހަރު ވާނީ ޤާއިމުކޮށްފައި. އަދި އިތުރު 61 ރަށެއްގައި މި ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެ. އެ ނިޒާމުތަކުން ޖުމްލަ 36 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެއިން އަންނަނީ ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގައި ވަކާލާތުކުރަމުންނެވެ. އެހެންނަމަވެސް ރާއްޖޭގައި ބައެއްކަންކަން އިންތިޒާމުކުރެވިފައިވާގޮތުން ތިމާވެއްޓަށް ގެއްލުންވާ ބާވަތްތައް ބޭނުންކުރަންވަނީ މަޖުބޫރުވެފައެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރާ ތެލުގެ އެންމެ ބޮޑު އިންސައްތައެއް އަންދަނީ ކަރަންޓު އުފެއްދުމަށެވެ. އެއަށްފަހު ދަތުރުފަތުރުކުރުމަށްވެސް ތެލުގެ ބޮޑުބައެއް ބޭނުންކުރަމުން އަންނައިރު ސަރުކާރުން އަންނަނީ މިދެ ދާއިރާއިންވެސް ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ގޮތްތަކެއް ތަޢާރަފްކޮށް ބޭނުންކުރުމުގެ މަސައްކަތްކުރަމުންނެވެ.

ހަކަތަ އުފެއްދުމަށް ރާއްޖެއަށް އެންމެ އެކަށީގެންވަނީ އަވީގެ ޒަރިއްޔާއިން ކަމަށް ދިރާސާތަކުން ދައްކައެވެ. އަގު ހެޔޮކޮށް ހަކަތަ އުފެއްދޭނެ ނިޒާމު ޤާއިމުކުރެވުނު ނަމަވެސް މިނިޒާމުތަކުން އުފައްދާ ހަކަތަ ރައްކާކުރާ ސްޓޯރޭޖްއަކީ މުޅި ދުނިޔޭގައިވެސް އަގު ބޮޑު އެއްޗެއްކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.

މިހާރު ލިބެންހުރި ވަޞީލަތްތައް ބޭނުންކޮށްގެން ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަގޭހެއް ކަމަށްވާ ކާބަންޑައިއޮކްސައިޑްގެ ތެރެއިން އަހަރަކު 72871 (ހަތްދިހަ ދެހާސް އަށްސަތޭކަ ހަތްދިހަ އެކެއް) ޓަނު މަދުވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މުޅި ރާއްޖޭގައި މިހާރު ޤާއިމުކުރެވިފައި ހުރި 31.5 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމްތަކުގެ ސަބަބުން، އިންޖީނުގެތަކުގެ ތެލަށް ކުރާ ޚަރަދުން އަހަރަކު 147.8 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.