ކޯވިޑް-19

ކޯވިޑް-19 : މަތިވެރިންވެސް ބަޔަކު ޕޮޒިޓިވް، ރަށް މޮނިޓަރިންގއަށް


އއ.މަތިވެރިން ކޯވިޑް-19ގެ އެކްޓިވް ކޭސްތަކެއް ފެނުމާގުޅިގެން އެރަށް މޮނިޓަރިންގެ ޙާލަތަށް ލައިފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ، މަތިވެރީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވުމާގުޅުގެން އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި އިތުރު 2 މީހެއްގެ ސާމްޕަލްތަކުގެ ނަތީޖާވެސް ޕޮޒިޓިވްވެފައިވާކަމަށެވެ. އެހެންކަމުން އެ ރަށުގައި ބަލަންޖެހޭ އިތުރުކަންކަން ބެލުމަށާއި، ފަހުން ޕޮޒިޓިވްވި ދެމީހުންނާއި ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތްކުރުމަށް އެރަށް މޮނިޓަރިންގއަށް ލާފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އއ މަތިވެރީގައި ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެގެން އޭނާގެ ކޮންޓެކްޓް ޓްރޭސިންގ ހެދިއިރުގައި އިތުރު 2 މީހަކާއި ކޮންޓެކްޓުވާކަމަށް މަޢުލޫމާތު ލިބިގެން އެ ކޮންޓެކްޓުން ކަރަންޓީނުކުރެވި އެމީހުންގެ ސާމްޕަލް މިވަނީ މިމަހުގެ 31 ވަނަ ދުވަހު ނަގާ ޓެސްޓްކުރިއިރުގައި ޕޮޒިޓިވްވެފައި. އަދި މި 2 މީހުންގެ ކޮންޓެކްޓުންގެ ގޮތުގައިވެސް އިތުރު 40 އަކަށް މީހުން މިވަނީ ފާހަގަކުރެވިފައި. އެހެންވީމަ އެމީހުން ޓެސްޓްކުރުމާއި، ރަށުގައި އިތުރަށް ބަލިފެތުރިފައިވޭތޯ ބެލުމަށް މިރަށް މިވަނީ މޮނިޓަރިންނަށް ލެވިފައި" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މަތިވެރި ހިމެނޭހެން މިވަގުތު މޮނިޓަރިންގެ ޙާލަތަށް ރާއްޖޭގެ 4 ރަށެއް ވަނީ ލާފައެވެ. އެގޮތުން މަތިވެރީގެ އިތުރުން މޮނިޓަރިންގއަށް ލާފައިވާ ރަށްތަކަކީ ގއ. ދެއްވަދޫއާއި، މ. ކޮޅުފުށި އަދި ހއ. މުރައިދޫއެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވަނީ ރާއްޖޭގެ ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ 41 ރަށަކުން މިވަގުތު ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަން ހާމަކުރައްވާފައެވެ. އަދި ފަހުން ފެނިފައިވާ ބައެއް ބޮޑެތި ކްލަސްޓަރތަކުގެ މަޢުލޫމާތުވެސް ހިއްސާކުރައްވާފައެވެ.

އެގޮތުން ގއ. ދެއްވަދޫ ކްލަސްޓަރއިން މިހާތަނަށް 85 މީހުން، އޮބްލޫ ސެލެކްޓް ސަންގެލި ރިސޯޓުން ބަލި ޖެހުނު މީހުންގެ ޢަދަދު 93 އަކަށް ވަނީ އަރާފައެވެ. އަދި އެނބޫދޫ ފަޅުން ފެނިފައިވާ ކްލަސްޓަރއިން މިހާތަނަށް 9 މީހަކު ޕޮޒިޓިވްވެފައިވާއިރު، އަނަންތަރަ ކިހާވަށް ރިސޯޓުން ޕޮޒިޓިވްވި ޢަދަދު 62 އަކަށް އަރާފައިވެއެވެ. މީގެ އިތުރުން މ. ކޮޅުފުށިން މިހާތަނަށް 25 މީހަކަށް މި ބަލި ޖެހިފައިވާކަމަށްވެސް އެޗް.އީ.އޯ.ސީން ވަނީ ހާމަކުރައްވާފައެވެ.