ކޯވިޑް-19

ފުރަބަންދު ކަރަންޓީނަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އޮތް ބާރެއް - ޑރ. ނަޒްލާ


ރާއްޖޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރުން ކޮންޓްރޯލުކުރުމުގައި ފުރަބަންދު ކަރަންޓީނަކީ އެޅުނު މުހިއްމު ފިޔަވަޅެއްކަމަށާއި، ކަނޑައެޅިފައިވާ އުޞޫލުތައްމަތީ ދެމިތިބުން އަދިވެސް މުހިންމުކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗް.އީ.އޯ.ސީ)ގެ ތަރުޖަމާން ޑރ. ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތައް މެދުވެރިޔަކާއި ނުލައި ދެނެގަތުމަށްޓަކައި ސަރުކާރުން "ޖަޒީރާ ސައްލާ"ގެ ނަމުގައި ފެށި ޚާއްސަ ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ޝޯވ ޚާއްސަކޮށްފައިވަނީ ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށެވެ. މި ޝޯވ ހުށަހަޅައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒެވެ.

"ޖަޒީރާ ސައްލާ"ގެ ފުރަތަމަ ޝޯވގެ މެހެމާނެއްގެގޮތުގައި ބައިވެރިވެވަޑައިގެން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު އެޗް.އީ.އޯ.ސީގެ ތަރުޖަމާން އަދި އެޗް.ޕީ.އޭގެ ހެޑް އޮފް ކޮމިއުނިކަބަލް ޑިސީސް ކޮންޓްރޯލް ޑރ. ފާޠިމަތު ނަޒްލާ ރަފީޤު ވަނީ ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގައި އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާގުޅިގެން އާއްމުންގެ ތެރޭގައި ހުރި ބައެއް ނުތަނަވަސްކަމާއި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ. ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ކޯވިޑް ފެތުރުން ހުއްޓުވުމަށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެޅުމާއެކު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް އެކަމުގެ އަސަރުކޮށް، ދަތިވާކަން ޤަބޫލުކުރައްވާކަމަށެވެ. އެހެންނަމަވެސް މި ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެވެސް އެންމެ މުހިއްމު ބޭނުމަކަށްވީ ބަލި އެއްތަނުން އަނެއްތަނަށް ދިއުން މަދުކޮށް ކޮންޓްރޯލްކުރުންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ ފަަރާތްތަކުން ޕީ.ސީ.އާރް ޓެސްޓް ހަދަންޖެހޭދީ އުފެދިފައިވާ ކަންބޮޑުވުމާގުޅޭގޮތުން ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ، ރިސޯޓުތަކާ ޚިލާފަށް، ގެސްޓްހައުސްތައް ހުންނަނީ މީހުން ދިރުއުޅޭ ރަށްރަށުގައިކަމުން، އެތަންތަނުން ރަށުގެ މުޖުތަމަޢުގެ ތެރެއަށް ބަލި ފެތުރުމުގެ ފުރުޞަތު ބޮޑުކަމަށެވެ. އެހެންކަމުން ގައިޑްލައިން ފަރުވާކުރުމުގައިވެސް އެކަމަށް ޚާއްސަ އަހައްމިއްޔަތުކަމެއްދީފައިވާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ޕީ.ސީ.އާރް ޓެސްޓް ހެދުމަކީ މިއީ ބަލި ދެނެގަނެ ކޮންޓެކްޓް ޓްރޭސްކުރުމުގެ ކަންކަން އަވަސްކުރުމަށް އަޅާފައިވާ މުހިއްމު ފިޔަވަޅެއްކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

"މީހުން ދިރިއުޅޭ ރަށެއްގައި ވެއްޖެއްޔާ ކޮންމެވެސް ވަރަކަށް ކޮމިއުނިޓީ ތެރެއަށް އައުމުގެ ފުރުޞަތު އޮންނާނެ. އެއީ ގެސްޓްހައުސްގައި މަސައްކަތްވެސް މިކުރަނީ ރަށުގެ ސްޓާފުންކަމަށްވާތީވެ. އެހެންވީމަ އެއްވެސް ޕޮޒިޓިވް މީހަކު އެތާ ހުރެފައި ގޮސްފިއްޔާ ކުރީބައިގައި އަޅުގަނޑުމެންނަށް އެނގުނީމަ އެނގޭނެ ދެން އޭނާގެ ކޮންޓެކްޓުން ހޯދާފައި، ޓެސްޓްކޮށް، ކަރަންޓީނުކޮށް މިކަންކަން ކުރަން. އެހެންވީމަ އެރަށުގެ ކޮމިއުނިޓީއަށް ވީހާވެސް ސޭފްވާނެގޮތަކަށް ބަލިޖެހިފައި ހުރި މީހަކު އުޅުނަސް އަވަހަށް އެމީހަކު ދެނެގަނެ ދެން ކުރަންޖެހޭ ކަންތައްތައް ކޮންޓްރޯލް މެޝާޒް އަވަހަށް ނެގޭނެ ކަހަލަ ފިޔަވަޅެއް އަސްލުގައި މި ޕީ.ސީ.އާރް ޓެސްޓް ހެދުމަކީ އިނގޭތޯ. އެހެންވީމަ އެ ކޮމިއުނިޓީގެ ރައްކަލަކަށް އޮންނަކަމެއް އެކަމަކީ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އަމާޒުވި އެއް ފިޔަވަޅަކީ މާލޭ ސަރަހައްދުން ރަށްރަށަށްދާ މީހުން ކަރަންޓީނު ވާންޖެހޭގޮތަށް އޮތްއޮތުމެވެ.

އެޗް.ޕީ.އޭއިން ފުރަތަމަ ކަނޑައެޅީ މިކަމަށް 14 ދުވަހުގެ މުހުލަތެކެވެ. ހާލަތަށް އައި ބަދަލުތަކަށް ބަލާ ފަހުން ވަނީ އެ މުއްދަތު 10 ދުވަހަށް ކުރުކޮށްފައެވެ. ނަމަވެސް މިއީ ޚަރަދުގެގޮތުން ބެލިޔަސް ކުރަން އެހާ ފަސޭހަކަމެއް ނޫންކަން ބައެއް އާއްމުން ފާހަގަކުރެއެވެ. މިކަމާގުޅޭގޮތުން ޑރ.ނަޒްލާ ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ ފުރަބަންދު ކަރަންޓީނުވުންކަމަށެވެ. އަދި އެކަމުގެ ނަތީޖާވެސް ފެންނަމުންދާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"ވަރަށް ބޮޑަށް އަޅުގަނޑުމެން މިހާރު ބަލި ނެތްތަންތަން ބަލިން ރައްކާތެރިކުރުމަށް ވަރަށް ބައިވަރު ކަންތައްތަކެއް އެބަކުރެވޭ. އޭގެ ތެރެއިން އެންމެ މުހިއްމުކަމަކީ ފުރަބަންދު ކަރަންޓީނު. އަޅުގަނޑުމެން ދެކޭގޮތުގައި އެންމެ ރަނގަޅަށް ބަލި ކޮންޓްރޯލްކުރުމަށް އެޅުނު އެއް މެޝަރ މިއީ. އެގޮތަށް އެކަން ނުކުރިނަމަ މިހާރު ނޭންގެ ރާއްޖޭގެ ކިތަށް ރަށުގައިކަމެއްވެސް ބަލި ފެތުރިފައި އޮންނާނީ. އެ ޙާލަތަށް ދިޔައީމަ އަޅުގަނޑުމެންގެ ހެލްތު ސިސްޓަމަށްވެސް ކައުންސިލްތަކަށްވެސް ސޯޝަލީވެސް މިކަން މެނޭޖްކުރަން ވަރަށް ދަތިވާ ހިސާބަށް ގޮސްފައި ހުންނާނީ" ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19 ފެތުރިފައިވާ ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އައިސް ކަރަންޓީނުވުމަކާ ނުލާ ޗުއްޓީ ހޭދަކޮށްފައި ދެވޭއިރު، މާލެއިން ރަށްރަށަށް ދިވެހިންދާއިރު ކަރަންޓީނު ވާންޖެހޭގޮތަށް އޮންނަ އޮތުމުން އެކަމާގުޅޭގޮތުން އާއްމުން އުފައްދާ ސުވާލުތަކަށްވެސް ޑރ. ނަޒްލާ ވަނީ ޖަވާބު ދެއްވާފައެވެ. އެ އުޞޫލު އެގޮތަށް ކަނޑައަޅާފައިވަނީވެސް ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރަންދާ ފަތުރުވެރިއަކަށްވުރެ އާންމުން ދިރިއުޅޭ ރަށަކަށް ދިވެހިންދާ ދިއުމުގައި މުޖުތަމަޢުއަށް ބަލި ފެތުރުމުގެ ފުރުޞަތު ބޮޑުވެދާނެ ޙާލަތްތައް ގިނަވުމުންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މިގޮތަށް އުޞޫލުތައް ހަމަޖެހިފައި އޮތުމުގެ ސަބަބުން މާލެއިން ރަށްރަށަށްދާ ފަރާތްކުގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވާ މީހުން ދެނެގަތުމަށް ފަސޭހަވެ، އެ ރަށެއް ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުގެ ފުރުޞަތު ކުޑަކޮށްދޭކަން ޑރ.ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.