ކޯވިޑް-19

ކޯވިޑް-19 : މާލޭ ސަރަޙައްދުގެ ގެސްޓްހައުސްތައް އިންސްޕެކްޓްކުރަން ފަށައިފި


މާލޭ ސަރަޙައްދުގެ ގެސްޓްހައުސްތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ގްރޭޓަރ މާލޭ ސަރަހައްދުގައި ކުރިއަށްގެންދާ މި އިންސްޕެކްޝަނަކީ، ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކާ ގެސްޓްހައުސްތައް ހިންގުމުގައި ޢަމަލުކުރުމަށް އެކުލަވާލާފައިވާ ގައިޑްލައިން އެތަންތަނުން އެކަށީގެންވާގޮތެއްގައި ތަންފީޒުކުރޭތޯ ކުރިއަށްގެންދާ އިންސްޕެކްޝަނެކެވެ.

ކޯވިޑް-19ގެ ސަބަބުން ގެސްޓްހައުސްތަކާއި ހޮޓާތައް ބަންދުކޮށްފައި އޮތުމަށްފަހު، މާލެ ސަރަހައްދުގެ ހޮޓާތަކާއި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ސަރުކާރުން ދެއްވާފައިވަނީ އަތޮޅުތަކުގެ ގެސްޓްހައުސްތައް ހުޅުވާލިތާ 2 މަސްދުވަސްފަހުން މިދިޔަ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހުއެވެ.

އެޗް.އީ.އޯ.ސީގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ގްރޭޓަރ މާލޭ ސަރަޙައްދުގައި ހުޅުވައިގެން ޚިދުމަތްދެމުންދާ ގެސްޓްހައުސްތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން މިހާތަނަށް 30 ތަނެއް އިންސްޕެކްޓްކޮށްފައިވާއިރު، ޖުމްލަގޮތެއްގައި ހުރިހާތަނެއްގައިވެސް ކަނޑައަޅާފައިވާ ގައިޑްލައިނާއެއްގޮތަށް ޚިދުމަތްދެމުންދާކަން ފާހަގަކުރެވިފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މިމަހުގެ 6 އިން ފެށިގެން ގްރޭޓަރ މާލޭ ސަރަޙައްދުގެ ގެސްޓްހައުސްތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ވަނީ ފެށިފައި. އެގޮތުން 6 ޖެނުއަރީގައި މާލޭގެ 12 ގެސްޓްހައުސް އަދި 7 ޖެނުއަރީގައި ހުޅުމާލޭގެ 18 ގެސްޓް ހައުސްއެއްގައި އިންސްޕެކްޝަންތައް ކުރިއަށްގެންގޮސް، ގެސްޓްހައުސް ގައިޑްލައިނާއި އެއްގޮތަށްތޯ އެތަންތަނުގައި ކަންތައްތައް ހަމަޖެހިފައި ހުރީ، ބަލާ ފާސްކޮށްފައިވޭ. ޖުމްލަކޮށް ބަލާއިރުގައި ގައިޑްލައިންތަކާ އެއްގޮތަށް ގެސްޓްހައުސްތަކުގެ ތެރޭގައި ކަންތައްތައް ކުރިއަށްދާކަމަށް އިންސްޕެކްޝަންގައި ފާހަގަވެފައިވަނީ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން ގްރޭޓަރ މާލޭ ސަރަޙައްދުން 40 ގެސްޓްހައުސްއެއް މިވަގުތު އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އެނދުގެ އަދަދުން ބަލާނަމަ އެއީ 1،114 އެނދެވެ. ކ. އަތޮޅުން ޖުމްލަ 125 ގެސްޓްހައުސްއެއް މިހާރު އޮޕަރޭޓްކުރަމުންދާއިރު، މުޅި ރާއްޖޭގައި މިހާތަނަށް 275 ގެސްޓްހައުސްއެއް ވަނީ އަލުން އޮޕަރޭޝަން ޙާލަތަށް ގެނެސްފައެވެ.

އެޗް.ޕީ.އޭއިން އެންމެފަހުން ކަނޑައަޅާފައިވާ ގައިޑްލައިންގައިވާ ގޮތުން ރާއްޖޭގެ ގެސްޓްހައުސް ހިންގާ ރަށްރަށުގެ މީހުން ބޭރަށްދާއިރު މާސްކް އެޅުމަކީ މަޖުބޫރުކަމެކެވެ. އަދި ބޭރަށް ނިކުމެއުޅޭއިރު އިޖްތިމާއީ ގައިދުރުކަން އެކަކު އަނެކަކާއި ދެމެދު ބަހައްޓަންޖެހެއެވެ.