ޚަބަރު

އަވަސް ފަރުވާގެ ތަމްރީން ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނު އިނގިރޭސި ހައިކޮމިޝަނުން އެމްއޭސީއެލްއަށް ހަދިޔާކޮށްފި


  • މިތަކެތި ހަވާލުކޮށްދެއްވީ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގް

  • ތަކެއްޗާއި ހަވާލުވެވަޑައިގަތީ ސީއީއޯ ޝަރީފް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގައި އަވަސް ފަރުވާ ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް އަވަސް ފަރުވާގެ ތަމްރީން ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނު ރާއްޖޭގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުން ހަދިޔާކޮށްފިއެވެ.

ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސި ހައިކޮމިޝަންގެ ފަރާތުން އެ ތަކެތި ހަދިޔާކުރިކަމުގެ ރަމްޒީ ފިލާ ހަވާލުކޮށްދެއްވީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގް ވައްހާބްއެވެ. އެމްއޭސީއެލްގެ ފަރާތުން އެ ފިލައާ ހަވާލުވެވަޑައިގަތީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީ.އީ.އޯ ޝަރީފު ވަނީ އިނގިރޭސި ހައިކޮމިޝަނުން އެމްއޭސީއެލްއަށް ހަދިޔާކުރި ތަކެއްޗަށާއި އެ ކުންފުންޏާ ދޭތެރޭގައި ހައިކޮމިޝަނުން ބަހައްޓަވާ ގާތްކަމާއި ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ސީއީއޯ ޝަރީފު ވިދާޅުވީ، އެމްއޭސީއެލްއަކީ ރާއްޖޭގެ އިގުތިސާދުގެ މައި ދޮރޯށި ބަލަހައްޓާ ކުންފުނި ކަމަށްވާއިރު، ރާއްޖެއާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ވަރުގަދަ އުސޫލުތަކާއި ގަވާއިދުތައް އެ ކުންފުނީގައި ކަނޑައަޅައި ތަންފީޒު ކުރަމުން އަންނަ ކަމަށެވެ. ހާއްސަކޮށް ދިމާވެދާނެ ކުއްލި ހާލަތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މުވައްޒަފުން ތަމްރީނުކޮށް، ގާބިލު ބަޔަކަށް ހެދުމަކީ ކުންފުނިން ނުހަނު އިސްކަންދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އިނގިރޭސި ހައިކޮމިޝަނުން އެމްއޭސީއެލް އަށް ހަދިޔާކުރި ތަކެއްޗަކީ ރާއްޖޭގެ ރައްޔިތުން ކުއްލި ހާލަތްތަކަށް ތައްޔާރުކޮށް، އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި އިނގިރޭސި ވިލާތުގެ ސަރުކާރުން ހިންގަމުން އަންނަ ޕްރޮޓެކްޓިވް ސެކިއުރިޓީ އެންޑް އެޓޭކް ރެސްޕޮންސް ޕްރޮގްރާމް (ޕީއެސްއޭއާރުޕީ) ގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ.

މިއީ ރާއްޖޭގައި ގާއިކުރެވިފައިވާ އިނގިރޭސި ހައިކޮމިޝަނާއިއެކު މިއަހަރުގެ މެއި މަހުގައި ބޭއްވުނު ބައްދަލުވުންތަކުން ނިންމާފައިވާ ގޮތަށް ސަރަހައްދީ ގައުމުތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދެވުނު ހަރަކާތެއްކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.