“ސޮނެވާ ނަމޫނާ ބ" މަޝްރޫއުގެ ދަށުން ދަރަވަންދޫ އާއި ކިހާދޫގައި ވެސް ކުނި އެންދުން ހުއްޓާލައިފިއެވެ.
“ސޮނެވާ ނަމޫނާ ބ" މަޝްރޫޢަކީ އެންމެ ރަނގަޅު ގޮތުގައި ކުނިމެނޭޖް ނުކުރެވުމުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށާ ޕްލާސްޓިކަށް ހޭލުންތެރިކޮށް އެތަކެތި ރައްކާތެރިގޮތެއްގައި ނައްތާލުމުގެ ބޭނުމުގައި ބ.އަތޮޅުގައި އޮންނަ ސޮނޭވާފުށި ރިސޯޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ދަރަވަންދޫ އާއި ކިހާދޫގައި މި މަސައްކަތް ފެށުމުގެ ގޮތުން ކިހާދޫ އާއި ދަރަވަންދޫގައި ވަނީ އާންމުން ހޭލުންތެރިކުރުމަށް އޯޕަން ޑޭ އެއްވެސް ބާއްވާފައެވެ. މި އޯޕަން ޑޭގައި ކުނި ނައްތާލާނެ ގޮތް ދައްކާލައި، އެސެންޓަރުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ވަނީ ދެރަށުގެ ރައްޔިތުންނަށް ދީފައެވެ.
މި ދެ ރަށުގެ ކައުންސިލުން ބުނީ މިކަމުގެ ސަބަބުން ރަށުގެ އިގްތިސާދު ކުރިއަރައި، ސާފުތާޙިރު، ތިމާވެއްޓާ ރަށްޓެހި ރައްޔިތަކު ދިރިއުޅޭ ރަށަކަށް ހެދޭނެކަމަށެވެ. އަދި މިކަން ކުރުމުގައި ރަށުގެ އެންމެންގެ ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެއްވުމަށް ކައުންސިލްތަކުން ވަނީ ގޮވާލާފައެވެ.
“ސޮނެވާ ނަމޫނާ ބ" މަޝްރޫއުއަކީ ސޮނޭވާފުއްޓާއި ކޮމަން ސީސްގެ އިތުރުން އެއަތޮޅު ކިހާދު އާއި ދަރަވަންދޫ އަދި މާޅޮސް ގުޅިގެން ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.
2019 ވަނަ އަހަރު މި މަޝްރޫއޫގެ ޕައިލެޓް ޕްރޮޖެކްޓް ފަށާފައިވަނީ އެއަތޮޅު މާޅޮސް، ކިހާދޫ އަދި ދަރަވަންދޫގައިއެވެ. މާޅޮހުގައި ހެދި އީކޯ ސެންޓްރޯއަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި ހެދި މިފަދަ ފުރަތަމަ މަރުކަޒެވެ.
ސޮނޭވާފުށިން ކުރިއަށް ގެންދާ “ސޮނެވާ ނަމޫނާ ބ" މަޝްރޫއުގެ ދަށުން ހިންގާ މި ޕްރޮޖެކްޓަށް ކުރިއެރުންތަކެއް ލިބި ގިނަ ރައްޔިތުންތަކެއް މިކަމަށް އަހުލުވެރިވަމުންދާކަމަށް އެޓީމުން މައުލޫމާތުދެއެވެ.
އަންނަ އަހަރު ބ.އަތޮޅުގެ އިތުރުން ސޮނެވާ ކުންފުނިން ރިސޯޓެއް ހިންގާ ނ.އަތޮޅުގެ ބައެއް ރަށްތަކުގައިވެސް މިފަދަ ހަރަކާތްތަކެއް މިއަހަރު ކުރިއަށް ގެންދާނެކަމަށް ސޮނެވާ ނަމޫނާ ޓީމުން ބުނެއެވެ. “ސޮނެވާ ނަމޫނާ ބ" މަޝްރޫއު ފަށާފައިވަނީ 2019 އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައެވެ.