ކޯވިޑް-19

ކޯވިޑް-19 : ވެކްސިން ރައްކާކުރަން ފިނި ކޮށާރު ހަދަނީ


ކޯވިޑް-19ގެ ވެކްސިން ރައްކާކުރުމަށް މާލެއާއި އަތޮޅުތަކުގައި ފިނި ކޮށާރުތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ މުޅި ރާއްޖެއަށް ބޭނުންވާ ސަރަޙައްދީ ފިނި ކޮށާރު ވަކިތަނެއްގައި ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އެގޮތުން އެތަން ހެދުމަށް ބޭނުންވާ ބިން ކަނޑައަޅައި ތަނުގެ ކުރެހުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ސަރަޙައްދީ ފިނި ކޮށާރަށް ބޭނުންވާ "ވޯކް އިން ފްރީޒަރސް" އަދި އެހެނިހެން ވަޞީލަތްތައްވެސް ޑަބްލިޔުއެޗްއޯގެ އެހީއާއެކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

"ކޯލްޑް ސްޓޯރޭޖަށް ބޭނުންވާނެ ވޯކް އިން ފްރީޒަރސް، ވޯކް އިން ކޯލްޑް ރޫމްސް އަދި ކޫލަރސް އަޅުގަނޑުމެންނަށް ލިބެނީ ޑަބްލިޔުއެޗްއޯގެ އެހީއާއެކު. ޑަބްލިޔުއެޗްއޯއިން އެއެއްޗެހި ޕްރޮކިއު ކުރުމުގެ މަސައްކަތް ކުރަމުން އެބަ ގެންދަވާ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

އަތޮޅުތަކުގައި މިކަމަށްޓަކައި ޤާއިމުކުރާ ފިނި ކޮޓަރިތައް ހެދުމަށް ހަމަޖެހިފައިވަނީ ބައެއް ސަރަހައްދުތަކުގެ ސިއްޙީ މަރުކަޒުތަކުގައެވެ. ޑރ.ނަޒްލާ ފާހަގަކުރެއްވީ މިވަގުތު އަތޮޅު ހޮސްޕިޓަލްތަކުގައާއި ރީޖަނަލް ހޮސްޕިޓަލްތަކުގައިވެސް ހުރީ ވެކްސިން ރައްކާކުރަން ޚާއްސަ ފްރިޖްތަކެއް ކަމުގައެވެ. އަތޮޅުތަކުގެ ހޮސްޕިޓަލުތަކާއި ސިއްޙީ މަރުކަޒުތަކުގައިވެސް ފިނި ކޮށާރުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިތުރު ފްރިޖްތަކާއި ފިނިހޫނުމިން ބަލާނެ ވަޞީލަތްތައްވެސް ފޯރުކޮށްދޭނެކަން ޑރ.ނަޒްލާ ވިދާޅުވިއެވެ.

"ރާއްޖޭގެ އެކި ހިސާބުތަކުގެ ހޮސްޕިޓަލުތަކުގެ އިތުރުން ބޮޑެތި ހެލްތު ސެންޓަރ ތަކަށްވެސް ބޭނުންވާ އައިއެލްއާރު އަދި ވެކްސިން ސްޓޯރ ކުރުމަށް ބޭނުންވާ ޚާއްސަ ފްރިޖްތައް ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އެއާއެކު ޓެމްޕަރޭޗަރ މޮނީޓަރިންގ ސިސްޓަމް ޤާއިމުކުރުމަށް އަބްލިޔުއެޗްއޯއާއެކު ކުރަންޖެހޭ މަސައްކަތް އަންނަނީ ކުރަމުން" ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ވެކްސިން ރައްކާކުރުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމުގެ ގިނަ މަސައްކަތްތަކެއް އެޗްއީއޯސީއާއި ޑަބްލިޔުއެޗްއޯއާ ގުޅިގެން ކުރަމުން އަންނަކަމަށް ޑރ.ނަޒްލާ ވިދާޅުވެފައިވެއެވެ. ރާއްޖެގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ޑަބްލިޔުއެޗްއޯއިން އަންނަނީ މަލީގޮތުންނާއި ފަންނީގޮތުން ގިނަ އެހީތަކެއެއް ވަމުންނެވެ. ޑަބްލިޔުއެޗްއިން ވަނީ ކޯވިޑް-19ގެ ވެކްސިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައެވެ.