ޚަބަރު

ކޯވިޑް-19 : މިއަދު 35 މީހުން ޕޮޒިޓިވް، ބަލިން ރަނގަޅުވީ 24 މީހުން


ރާއްޖެއިން މިއަދު 35 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ ޢަދަދު 13618އަށް އިތުރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ޢާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00 އިން ފެށިގެން މިއަދު 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަަހައްދުން ޕޮޒިޓިވްވީ 34 މީހުންނެވެ. އަދި ރަށްރަށުން ޕޮޒިޓިވްވެފައިވަނީ އެންމެ މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13618 އަށް އަރާފައެވެ.

މިއަދު ރާއްޖެއިން ކޯވިޑް-19އިން ރަނގަޅުވީ 24 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 13050 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއީ ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 95.83 އިންސައްތައެވެ.

މިހާރު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދީ 513 އެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހަދުގައި ތިބި 379 މީހުންނާއި، ރަށްރަށުގައި ތިބި 36 މީހުންގެ އިތުރުން ރިސޯޓްތަކުގައި އެކްޓިވް ކޭސްތަކުގެ ގޮތުގައިތިބި 63 މީހުންނާއި، ސަފާރީތަކާއި ޔޮޓްތަކުން ޕޮޒިޓިވްވި 7 ކޭސްގެ އިތުރުން ރިސޯޓްގެ ގޮތުގައި ތަރައްޤީކުރަމުންދާ ރަށްރަށުގައިތިބި 25 މީހުންނާއި ސިނާޢީ ރަށްރަށުން ޕޮޒިޓިވެފައިވާ 3 މީހެކެވެ. މިބަލީގައި މިހާރު އެޑްމިޓްކޮށްގެން ފަރުވާދެމުންގެން ދަނީ 39 މީހުންނަށެވެ.

އިއްޔެގެ 18:00 އިން ފެށިގެން މިއަދު 18:00އާ ހަމައަށް ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 2122 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް ރާއްޖެއިން މިބަލި ދެނެގަތުމަށް 303،585 ސާމްޕަލް ވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ.