ކޯވިޑް-19

އިނގިރޭސިވިލާތުން ރާއްޖެ އަންނަ ދިވެހިންނާއި ވާރކްވިސާގައި އަންނަ މީހުން މިހާރު ކަރަންޓީންވާންޖެހޭނެ


އިނގިރޭސިވިލާތުން ރާއްޖެއަށް އަންނަ ދިވެހިންނާއި ވާރކްވިސާގައި އަންނަ ފަރާތްތައް މާދަމާއިން ފެށިގެން ކަރަންޓީންވާންޖެހޭގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗް.ޕީ.އޭއިން ނިންމަވައިފިއެވެ.

އެޗްޕީ.އޭއިން ވިދާޅުވީ، އިނގިރޭސިވިލާތުން ރިޕޯޓްކޮށްފައިވާ SARS-Cov-2 ގެ ވޭރިއެންޓާ ގުޅިގެން އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް މިމަހުގެ 27 އިން ފެށިގެން އެޅުމަށް ނިންމަވާފައިވާކަމަށެވެ.

އެގޮތުން ރާއްޖެއަށް އައުމުގެ 14 ދުވަސްކުރިން އިނގިރޭސިވިލާތުގައި އުޅެފައިވާ، އޭގެ ތެރޭގައި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައި އަންނަ މީހުންވެސް ހިމެނޭހެން ރާއްޖެއަށް އަންނަ ދިވެހިންނާއި، ވާރކްވިސާގައި އަންނަ މީހުން ރާއްޖެއަށް އައުމަށްފަހު 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީންކުރުމަށް އެޗް.ޕީ.އޭއިން ވަނީ ނިންމާފައެވެ. އަދި މި ފަރާތްތައް ރާއްޖެ އަންނަތާ 5 ދުވަހަށްފަހު، އަދި 10 ދުވަހަށްފަހު ވެސް ކޯވިޑް-19އަށް ޕީ.ސީ.އާރް ޓެސްޓް ހަދަންޖެހޭނެކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.

މީގެ އިތުރުން އެ އެޖެންސީން މިމަހުގެ 16 ވަނަ ދުވަހު އާންމުކުރި އިޢުލާނުގައިވާ ފަދައިން ރާއްޖެ އެތެރެވާއިރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ ގެންނަންވާނެކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އެޗް.ޕީ.އޭއިން ވަނީ މި ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް އެންމެހާ އިދާރާތަކަށާއި ފަރާތްތަކަށް އަންގަވާފައެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖާމާނު ޑރ. ފާޠިމަތު ނަޒްލާ ރަފީޤު ވަނީ އިނގިރޭސިވިލާތުން ފެނިފައިވާ ކޯވިޑް-19ގެ އައު ބާވަތާ ގުޅޭގޮތުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކުން އެއިން ބަލި އިތުރަށް ސީރިއަސްވެގެންދާކަން ފާހަގަކުރެވިފައިނުވާކަމަށް ވިދާޅުވެފައެވެ. އަދި މި ބާވަތުގެ ތަފާތުކަމަކީ އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ބަލި ފެތުރޭ މިންވަރު އަވަސްވުމާއި، ގިނަ މީހުންނަށް ބަލި ޖެހުމުގެ ފުރުޞަތު ބޮޑުވުންކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ އިތުރުން، ދެކުނު އެފްރިކާއާއި ނައިޖީރިއާއިންވެސް ކޯވިޑް-19ގެ އައު ބާވަތެއް ފެނިފައިވާކަން އެ ޤައުމުތަކުގެ ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. މިކަމާގުޅިގެން އެ ޤައުމުތަކަށް ދަތުރުކުރުން ބައެއް ޤައުމުތަކުން މިހާރު ވަނީ މެދުކަނޑާލާފައެވެ.

ރާއްޖެއިން ކޯވިޑް-19ގެ އިތުރު ވޭރިއެންޓެއް ނުވަތަ ބާވަތެއް މިހާތަނަށް ފެނިފައިނުވާކަމަށް އެޗް.އީ.އޯ.ސީން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ރާއްޖޭން ކޯވިޑް-19ގެ ސީކުއެންސިންގއަށް ފޮނުވި ސާމްޕަލްތަކުގެ ފުރަތަމަ ބެޗުގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގައި މިހާތަނަށް ފެތުރެމުންދަނީ ކޯވިޑް-19ގެ އެއް ބާވަތެއްކަން އެ ސެންޓަރުން ފާހަގަކުރައްވާފައިވެއެވެ. އަދި އިތުރު ބެޗްތައް ސީކުއެންސިންގއަށް ފޮނުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ.

ކޯވިޑް-19ގެ އިތުރު ބާވަތެއް ނުވަތަ ވޭރިއެންޓެއް ފެތުރުމުގެ ފުރުޞަތު ކުޑަކުރުމަށް އެންމެ މުހިއްމީ މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުންކަން ޞީއްޙީ ތަަޖުރިބާކާރުން ފާހަގަކުރައްވައެވެ. ވަކިން ޚާއްސަކޮށް ފަތުރުވެރިންނަށް ޚިދުމަތްދޭ އެކިއެކި ތަންތަނާއި ޢާއްމު ޚިދުމަތްދޭ ތަންތަނާއި، ގެސްޓް ހައުސް ވިޔަފާރި ކުރާ ރަށްރަށުގައި އުޅޭ މީހުން މާސްކް އެޅުމާއި، އިޖްތިމާޢީ ގައިދުރުކަމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް އެޗް.އީ.އޯ.ސީން ވަނީ އިލްތިމާސްކުރައްވާފައެވެ.