ދުނިޔޭގެ ވިޔަފާރި

އެމެރިކާގެ ކޯވިޑް ރިލީފް ޕެކޭޖްގެ އައު ބިލް އެކުލަވާލުމަށް އެއްބަސްވުމަކަށް އައިސްފި


ދިގު މަޝްވަރާތަކަކަށްފަހު އެމެރިކާގެ ކޯވިޑްގެ އައު ރިލީފް ޕެކޭޖްގެ ބިލް އެކުލަވާލުމުގައި އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ކޯވިޑްގެ ރިލީފް ޕެކޭޖްގެ ބިލް އެކުލަވާލުމުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއާއި އިދިކޮޅު ޑިމޮކްރެޓުންނާއި ދެމެދު ޚިޔާލު ތަފާތުވެ، މި ބިލްއަށް ގިނަ ބަދަލުތަކެއް ގެނައުމަށް ދިގު މުއްދަތެއް ވަނީ ނަގާފައެވެ.

ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ހުށަހަޅާފައިވާ އެއްވެސް ބިލެއް ޤާނޫނު ހަދާ މަޖިލީހުން ފާސްނުވެ ދިގު ދެމިގެން ދިއުމުން، ޤައުމު ހުއްޓުމަކަށް ނުގެނައުމަށް ހަފްތާއަކަށް ޚަރަދު ކުރެވޭވަރުގެ ބިލެއް ސެނެޓުން މިދިޔަ ހަފްތާގައި ވަނީ ފާސްކޮށްފައެވެ. މިހާތަނަށް އައިރު ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ހުށަހަޅާފައިވާ 12 ބިލެއް ޤާނޫނު ހަދާ މަޖިލީހުގައި ވަނީ ތާށިވެފައެވެ.

ކޯވިޑްގެ އައު ރިލީފް ޕެކޭޖްގެ ބިލްގެ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ސެނެޓްގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއާއި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ ތަމްސީލުކުރައްވާ މެމްބަރުން ވަނީ ދިގު މަޝްވަރާތަކަކަށްފަހު އެމެރިކާގެ ކޯވިޑްގެ އައު ރިލީފް ޕެކޭޖްގެ ބިލް އެކުލަވާލުމުގައި އެއްބަސްވުމަކަށް އައިސްފައިވާކަން ހާމަކުރައްވާފައެވެ. އަދި މި ބިލް ރައީސް ޓްރަމްޕްގެ ފުރިހަމަ ތާޢީދާއެކު އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްއާއި ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓުންވެސް ފާސްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތްކަމަށް މި މެމްބަރުން ވިދާޅުވިއެވެ. ކޯވިޑްގެ އައު ރިލީފް ޕެކޭޖްގެ ބިލް ފާސްކުރިޔަސް މިހާރު އެކުލަވާލާފައިވާ ބިލަކީ އެންމެ އެކަށޭނަ ފެންވަރުގެ ބިލެއް ނޫންކަމަށް އިދިކޮޅު ޑިމޮކްރެޓުން ވަނީ ބުނެފައެވެ. އެހެންނަމަވެސް، އިންތިޚާބީ ރައީސް ޖޯ ބައިޑެން އަންނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށްފަހު އިތުރު ރިލީފް ޕެކޭޖެއް ތަޢާރަފްކުރާނެކަމަށް ޑިމޮކްރެޓުން ވަނީ ބުނެފައެވެ.

އިދިކޮޅު ޑިމޮކްރެޓުންގެ އަޣްލަބިއްޔަތު ބޮޑު ހައުސް އޮފް ރިޕްރެޒެންޓޭޓިވްއިން މި ބިލް އަންނަ ހޯމަ ދުވަހު ފާސްކުރާނެކަން މެމްބަރުން ވަނީ ހާމަކޮށްފައެވެ. އަދި އެއައްފަހު ސެނެޓުން ފާސްކޮށް ރައީސް ޓްރަމްޕް ވީ އެންމެ އަވަހަކަށް މި ބިލް ތަސްދީޤުކުރައްވާނެކަމަށް ރިޕަބްލިކަނުން ވަނީ ބުނެފައެވެ.

ކޯވިޑްގެ އައު ރިލީފް ޕެކޭޖްއަކީ 900 ބިލިއަން ޑޮލަރުގެ ބޮޑު ރިލީފް ޕެކޭޖްއެކެވެ. މި ޕެކޭޖް ފާސްކުރުމުން މި ޕެކޭޖް ވެގެންދާނީ މިއަހަރުގެ މާރޗް މަހު ފާސްކުރި 2.3 ޓްރިލިއަން ޑޮލަރުގެ އެއިޑް ޕެކޭޖަށް ފަހު އެމެރިކާގެ ތާރިޚުގައިވެސް ފާސްކުރާ އެންމެ ބޮޑު ރިލީފް ޕެކޭޖަށެވެ. މި ޕެކޭޖްގެ ދަށުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ހަފްތާއަކު 300 ޑޮލަރުގެ އިނާޔަތެއް ދޭން ނިންމާފައިވާއިރު، އެކި ޝަރުތުތަކަށް ބަލާ މި އަދަދު 600 ޑޮލަރަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ކޯވިޑްގެ އަސަރު އެންމެ ބޮޑަށް ކުރި ވިޔަފާރިތަކަށް އައު ސަބްސިޑީތަކެއް ތަޢާރަފްކުރުމާއި ސްކޫލްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ޚާއްސަ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ މި ބިލް ފާސްކުރުމަށް ފަހު އަންނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި އިތުރު 1.4 ޓްރިލިއަން ޑޮލަރުގެ ރިލީފް ޕެކޭޖެއް ފާސްކުރުމަށް މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައެވެ.