ކޯވިޑް-19

ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން، ޕޮޒިޓިވްވީ 228


ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލުމަށްފަހު މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، އޭގެތެރެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 228 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަލީ ރަޒާން ވިދާޅުވީ، މިދިޔަ ޖުލައިމަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ދުވާލެއްގެ މައްޗަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދުތަކަށް ބަލާލުމުން ފެނިގެންދަނީ އުއްމީދީ މަންޒަރެއްކަމަށެވެ. އަދި ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ލިބިގެންދާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފަތުރުވެރިންގެ ފުށުން ކޯވިޑް-19 ފެންނަ ނިސްބަތް ވަރަށް ބޮޑުތަން މަދުވެފައިވުންކަމަށެވެ.

އެގޮތުން ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، އޭގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވެފައިވަނީ އެންމެ 0.2 އިންސައްތަ ފަތުރުވެރިންކަމަށާއި، އެމީހުންގެ ފުށުންވެސް އެއްވެސް ކޮމިއުނިޓީ ސްޕްރެޑެއް ފެނިފައިނުވާކަން ރަޒާން ފާހަގަކުރެއްވިއެވެ.

"ލައްކައެއްހާ ފަތުރުވެރިން އައިއިރުވެސް ޕޮޒިޓިވް ކޭސްތަކުގެ ގޮތުގައި ރިޕޯޓްކުރެވިފައި މިވަނީ ފަތުރުވެރިންގެ ތެރެއިން 228 ފަތުރުވެރިން ކަމަށް. އެއީ ޖުމްލަ އެރައިވަލްސްގެ ގާތްގަނޑަކަށް 0.2 އިންސައްތަ ވަރު. އެވަރުގައި ހިފަހައްޓާ މި ލެވުނީ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކަކުން އެތަންތަނުގެ މެނޭޖްމަންޓްތަކާއި، ޚިދުމަތުގެ ހުރިހާ ސްޓެޕެއްގައި ޝާމިލުވާ މުވައްޒަފުންގެ މަސައްކަތުން. އެއަރޕޯޓުން ފެށިގެންގޮސް ދަތުރުފަތުރާއި، އަދި އެދާ ރިސޯޓެއް ސަފާރީއެއް ނޫނީ ގެސްޓް ހައުސްއެއްގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތައްވެސް ހިމެނޭގޮތަށް މި ހުރިހާ ފަރާތްތަކަކުން އެކުލަވާލާފައި މިއޮތް ގައިޑްލައިންތަކަށް ދެއްވާ ސަމާލުކަމާއި އަދި މި ކަންކަން ތަންފީޒުކުރުމަށް ބަހައްޓަވާ އަހައްމިއްޔަތެއްގެ ބޮޑުކަމުން" ރަޒާން ވިދާޅުވިއެވެ.

ރަޒާން ވިދާޅުވީ، މާލޭ ސަރަޙައްދުގެ ގެސްޓްހައުސްތައް އަލުން އޮޕަރޭޝަނަށް ގެނެވުމާއެކު މި ސިނާޢަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. އަދި މިހާރުވެސް މާލޭ ސަރަޙައްދުގެ ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދައަށް އެދި އެސް.އޯ.ޕީތައް މިނިސްޓްރީއަށް ލިބިފައިވާކަމަށާއި، ހުއްދައަށް އެދޭ މިންވަރަކުން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު އެތަންތަން ހުޅުވުމުގެ ހުއްދަ ދެމުންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް މިއަދުން ފެށިގެން ލިބެމުން އެބަދޭ މާލޭ ސަރަޙައްދުގެ މާލެ ހުޅުމާލެ އަދި ވިލިމާލޭގެ ތަންތަން ހުޅުވުމުގެ ހުއްދައަށް އެދި. ހުޅުމާލޭގައި އެބައުޅޭ ގާތްގަނޑަކަށް 1400 އެއްހާ އެނދު، މާލޭގައި ހާހެއްހާ އެނދު، އަދި ވިލިމާލޭގައި 100 އެއްހާ އެނދު. ޖުމްލަ މި ސަރަޙައްދުގައި 2500 އެއްހާ އެނދު އެބައުޅޭ. ދެން އަޅުގަނޑުމެން މި އުއްމީދުކުރަނީ މިނިސްޓްރީން އަންދާޒާ ކުރަނީ ޑިސެމްބަރު ނިމޭއިރު ގާތްގަނޑަކަށް ހަމަ 90 އެއް އިންސައްތަ މި ސަރަޙައްދުގައި މިހުރި އެނދުތައްވެސް އޮޕަރޭޝަނަށް އަންނާނެކަމަށް" ރަޒާން ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތަށް އަންނަމުންދާ ބަދަލުތަކަށް ބަލާ، ވިޔަފާރިއާއި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ޓޫރިޒަމް މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މި އަދަދުތައް މިގޮތުގައި ހިފެހެއްޓުމަށް ހެދިފައިވާ ގައިޑްލައިންތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް މި ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.