ކޯވިޑް-19

ސްޓިއަރިންގ ކޮމެޓީއެއް އެކުލަވާލައި ވެކްސިން ޖެހުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން - އެޗް.އީ.އޯ.ސީ


ކޯވިޑް-19ގެ ވެކްސިނެއް ލިބެންވާއިރަށް، ސްޓިއަރިންގ ކޮމެޓީއެއް އެކުލަވާލައި ވެކްސިން ޖެހުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗް.އީ.އޯ.ސީ)އިން ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ކޯވިޑް-19 އަށް ވެކްސިނެއް ތައްޔާރުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުރާ މަސައްކަތުގެ ތެރެއިން، ޞިއްޙީގޮތުން ރައްކާތެރި، އަދި ވެކްސިން ޖެހުމުން ބަލިން ރައްކާތެރިކަން ފޯރުކޮށްދޭކަން ޔަޤީންކުރެވިފައިވާ 4 ވެކްސިނެއް މިހާރު ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެ ވެކްސިންތަކުގެ ސައިންޓިފިކް ޓޭޑާތައް ވަރަށް އަވަހަށް އާއްމުވެ، އަންނަ އަހަރުގެ ފުރަތަމަ ކުއަރޓަރތެރޭގައި ވެކްސިނެއް ރަސްމީކޮށް ތަޢާރަފުކުރެވޭނެކަމުގެ އުއްމީދު ބޮޑުވެފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޯވިޑް-19ގެ ވެކްސިނެއް ތައްޔާރުވާންވާއިރަށް، ރާއްޖޭގައި ވެކްސިން ޖެހުމަށް އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައް މިހާރުވަމުންދާކަމަށެވެ. އެގޮތުން އެކަމަށް ޚާއްސަ ނެޝެނަލް ސްޓިއަރިންގ ކޮމެޓީއެއް އެކުލަވާލާ، ވެކްސިން ރައްކާކޮށް ބަަހައްޓާނެ ވަޞީލަތްތައް ޤާއިމުކުރުމާއި، ޤައުމުތަކުގެ މެދުގައި ވެކްސިން ބެހުމަށް އެކުލަވާލާފައިވާ "ކޮވެކްސް ފެސިލިޓީ"ގެ ތެރެއިން ވެކްސިން ހޯދުމަށް ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، ވެކްސިން ޖަހާނެ ފަރާތްތައް ގިންތިކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ކޯލްޑް-ޗެއިން ސިސްޓަމް ނުވަތަ ވެކްސިން ރައްކާކޮށް ބަހައްޓާ ނިޒާމް އިތުރަށް ހަރުދަނާކުރުމާއި، އޭގެ އެސެސްމަންޓެއް ހެދި، އެކަމަށް އިތުރަށް ބޭނުންވާ ސާމާނު ގަތުމާއި، އަދި "ކޮވެކްސް ފެސިލިޓީ" މިއީ ބައިނަލްއަޤްވާމީގޮތުން އުފެދިފައިއޮތް ފެސިލިޓީއެއް ގިނަ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށްޓަކާ. ރާއްޖޭންވެސް މީގަ ބައިވެރިވޭ. މި ފެސިލިޓީގެ ތެރެއިން ރާއްޖޭގެ އާބާދީގެ 20 އިންސައްތަ ހިލޭ ވެކްސިން ލިބޭނެ. އެހެންވީމަ މި ފެސިލިޓީގެ ތެރެއިން ވެކްސިން ހޯދުމަށް ޕްރޮޕޯސަލްތައް ތައްޔާރުކުރުމުގެ މަސައްކަތާއި، އަދި ވެކްސިން ލިބޭ މިންވަރަކުން ވެކްސިން ޖަހާނެ ފަރާތްތައް ގިންތިކުރުމާއި މިކަހަލަ ވަރަށް ގިނަ މަސައްކަތްތައް ކުރެވެމުން މިހާރުވެސް ވަރަށް ހަލުވި ސްޕީޑެއްގައި އެބަދޭ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މިއަންނަ އަހަރުގެ ފުރަތަމަ ކުއަރޓަރގެ ތެރޭގައި ރާއްޖެއަށްވެސް ވެކްސިނެއް ލިބޭނެކަމަށް އުއްމީދުކުރާކަމަށާއި، ވެކްސިން ލިބޭނީ އެކި ބެޗް ބެޗަށް އެކި މިންވަރަށްކަމަށެވެ. އަދި ވެކްސިން ލިބެމުންދާ މިންވަރަކުން ގިންތި ކުރެވޭ ތަރުތީބަކުން އެ ވެކްސިން ޖެހުމުގެ މަސައްކަތް ކުރާނެކަމަށެވެ. މިކަމަށްވާންޖެހޭ ތައްޔާރީތައް ވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއާއި، ޔުނިސެފްގެ އިތުރުން، ވޯލްޑް ބޭންކާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްތައް ފަދަ ޑިވެލޮޕްމަންޓް އޭޖެންސީތަކާއި ބޭންކުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއަށް ލިބެމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ވެކްސިން ހޯދުމަށް ވަމުންދާ ތައްޔާރީތަކާއި، މިހާރު ތައްޔާރުކުރަމުންދާ ވެކްސިންތަކުގެ މަޢުލޫމާތުދިނުމަށް ވަރަށް އަވަހަށް އެ ސެންޓަރުގެ ފަރާތުން ޚާއްސަ ޕްރެސް ކޮންފަރެންސްއެއް ބާއްވާނެކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވެފައިވެއެވެ.