ހުއްދަތައް ނުނަގާ ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޯސްތައް ބަލައި ނުގަންނާނެ ކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭ މަދަނީ އުދުހުމުގެ ދާއިރާގެ ހިމެނޭ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމުގެ ޤަވާއިދާއި އުސޫލްތައް ހަދާ، ޑިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އޮންނަނީ، ދިފާޢީ ވުޒާރާގެ ދަށުގައެވެ. ޑާސާއިން އާންމުކޮށްފައިވާ އެ ވުޒާރާގެ ސާކިއުލާގައި މިފަހަކަށް އައިސް މަދަނީ އުދުހުން ތަކުގެ ދައިރާގެ ސެކިއުރިޓީ ކޯސްތައް ބައެއް ފަރާތްތަކުން ނަގަން ޖެހޭ ހުއްދަތައް ނުނަގައި ހިންގަމުންދާ ކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެގެ.
ދިފާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޢާޒް ހަލީމް ސޮއިކުރައްވާ ނެރެފައިވާ ސާކިއުލާގައި ވިދާޅުވީ، ރާއްޖޭގެ މަދަނީ އުދުހުމުގެ ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް ދޭން ޖެހޭ ތަމްރީނުތައް ދިނުމާއި އެކަން ކުރުމަށް އެވުޒާރާއިން ނަގަން ޖެހޭ ހުއްދަތައް ހިމޭނޭ ގޮތަށް އެވުޒާރާއިން އެކުލަވާލާފައިވާ ނޭޝަނަލް ސިވިލް އެވިއޭޝަން ސެކިއުރިޓީ ޓްރެއިނިން ޕޮލިސީ ބަޔާން ކޮށްފައިވާނެ ކަމަށެވެ. ދިފާޢީ ވުޒާަރާއިން ވިދާޅުވީ ރާއްޖޭގައި އޭވިއޭޝަން ސެކިއުރިޓީ މުވައްޒަފުންނަށް ތަމްރީނު ދޭ މަރުކަޒުތަކާއި އެ މަރުކަޒުތަކުގައި ކިޔަވައިދޭ މުދައްރިބުން ވުޒަރާގެ ހުއްދަ ނަގަން ޖެހޭ ކަމަށެވެ.
ނަމަވެސް މި ހުއްދަތައް ނެގުމަކާއި ނުލައި މި ސިނާއަތުގައި ޝާމިލްވާ ބައެއް ފަރާތްތަކުން މިފަދަ ތަމްރީނުތައް ހިންގަމުންދާ ކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވިއެވެ. އެހެން ކަމުން ކަނޑައެޅިފައިވާ ސިޔާސަތާއި ޚިލާފަށަ ހިންގާ ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ބަލައި ނުގަންނާނެ ކަމަށް ދިފާއީ ވުޒާރާއިން ވިދާލުވެއެވެ.
ދިފާއީ ވުޒާރާގެ މި ސާކިއުލަރ ރާއްޖޭ އެއަރޕޯޓް ހިންގާ ފަރާތްތަކަށާއި، ތަޢުލީމީ ވުޒާރާއާއި މަތީ ތަޢުލީމާއި ބެހޭ ވުޒާރާގެ އިތުރުން ސިވިލް އެވިއޭޝަން އޮތޯރިޓީ އަދި އެވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އޭވްސްކޮމް) އަަށް ވަނީ ފޮނުވާފައެވެ.