ހުޅުމާލޭގެ މާސްޓަރ ޕްލޭން އޮތްގޮތުން ވަރަށް މުހިންމު ގިނަ ކަންތަކެއް އޭރު ދޫކޮށްލާފައޮތުމުން އެންމެ އިސްކަންދެއްވީ، ހުޅުމާލެއަށް އިތުރުވާ އާބާދީއަށް ރިއާޔަތްކުރެވި ހަދާފަވާ ޕްލޭނެއް ކަށަވަރުކުރުމަށްކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ. މަޢުރޫފް ޖަމީލް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން އަންނަ މަހު ރިޓަޔަރކުރައްވާނެކަން ހާމަކުރައްވާފައިވާ، މައުރޫފް ޖަމީލް ވިދާޅުވީ އެމަޤާމާ ހަވާލުވެވަޑައިގެން ކުރު މުއްދަތެއް ވީނަމަވެސް، ހުޅުމާލެއަކީ މީހުން ދިރިއުޅެއް އެންމެ އެކަށީގެންވާ މާޙައުލަކަށް ހެދުމަށް، ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް މުހިންމު ބަދަލުތަކެއް ގެންނެވުމަށް ވަރަށް އިސްކަންދެއްވިކަމަށެވެ. ހުޅުމާލޭގެ މާސްޓަރ ޕްލޭން މުރާޖައާކޮށް، އަލުން އާއްމުކޮށްފަވަނީ މިއަހަރުގެ މޭމަހުގެ 26ވަނަ ދުވަހުއެވެ.
މަޢުރޫފް ވިދާޅުވީ ހުޅުމާލޭގެ އާބާދީ ވަރަށް ބާރަށް އިތުރުވަމުންދާއިރު، އެތަނުގެ ކުރީގެ ޕްލޭންގެ އޮތްގޮތުން މަދުވާ ވަރަށް ގިނަ ކަންކަން ހުރިކަމަށެވެ. އެގޮތުން އެންމެ ބޮޑު އުނިކަމެއްގެ ގޮތުގައި މަޢުރޫފް ފާހަގަކުރެއްވީ، ހުޅުމާލޭގެ ޕްލޭންގައި އެތަނަށް އެކަށީގެންވާ ބަނދަރެއް ނެތުމެވެ. ބަނދަރު އޮތީ އިތުރުވަމުންދާ އާބާދީއާއި އެސަރަޙައްދަށް އަންނާނެ ބަދަލާއި، ދަތުރުފަތުރުގެ ވިއުގައަށް އަންނާނެ ބަދަލަށް ރިއާޔަތް ނުކޮށްކަމަށް މައުރޫފް ވިދާޅުވިއެވެ. ބަނދަރެއްގެ މަސައްކަތް ހިމަނާފަވަނީވެސް ވަރަށް ކުޑަކޮށްކަމަށް މައުރޫފް ވިދާޅުވިއެވެ.
"ވަރަށް ރަނގަޅަށް ތަރައްޤީކުރެވި ތަރުތީބުކުރެވިފަވާ ބަނދަރެއް ހުޅުމާލެއަށް ބޭނުންވޭ. ޚާއްސަކޮށް ރަސްމާލެ އަންނައިރު، ފެރީގެ މުހިންމު ކަނެކްޓިވިޓީއެއް ހުޅުމާލޭގަ އޮންނަންޖެހޭ. ޓްރާންސްޕޯޓަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ. އެކަމަށް މާސްޓަރ ޕްލޭންގައި ވަރަށް ބޮޑަށް ރިއާޔަތްކޮށްފަވާނެ." އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލް ވިދާޅުވިއެވެ.
މަޢުރޫފް ޖަމީލް ވިދާޅުވީ ހުޅުމާލޭގައި މީހުން އާބާދުވާ މިންވަރަށް ބަލާއިރު، މިހާރުގެ އާބާދީ ދެގުނަވާނެކަމަށް ބެލެވޭކަމަށެވެ. ނަމަވެސް ކުރީގައި އޮތް ޕްލޭންގައި، އެކަމަށް ބޭނުންވާ މިންވަރަށް އާއްމު ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ކޮށްފައި ނެތްކަމަށެވެ. އެއީވެސް ބަދަލުގެނައި މާސްޓަރ ޕްލޭންގައި ޚާއްސަ އިސްކަމެއް ދެއްވި ކަމެއްކަމަށް މައުރޫފް ވިދާޅުވިއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިމި އެތަނުގައި މީހުން އާބާދުވާއިރު، ހުޅުމާލޭގެ ދެ ފިޔަވަހިގެ އާބާދީގެ 230،000އާ ގާތްކުރާނެކަމަށް ބެލެވެއެވެ.
"އާބާދީ ދެގުނަވެގެން އެބަދޭ. އެކަމަށް ގިނަ އޯޕަން ސްޕޭސްތައް ބޭނުންވޭ. ކުޅިވަރާ ރެކްރިއޭޝަނަށް ޖާގަ ބޭނުންވޭ. ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުމަކީވެސް އަމާޒެއް. ހިނަގާލާފައި 10 މިނެޓު އުޅެވޭހާ ކައިރީގައި، ގިނަ ނޭބަހުޑްތަކުގައި ގިނަ ފެސިލިޓީތަކެއް ޤާއިމުކުރަން ބޭނުންވަނީ." އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މަޢުރޫފް ޖަމީލް ވިދާޅުވިއެވެ.
މީގެ 24އަހަރުކުރިން، ހުޅުމާލެ ތަރައްޤީކުރުމުގެ ފުރަތަމަ މަސައްކަތްތައް ފެށުމުގައިވެސް، މަޢުރޫފް ޖަމީލްގެ ދައުރު ވަރަށް ބޮޑެވެ. މަޢުރޫފް ޖަމީލް ވަނީ، އަންނަ މަހުގެ ތެރޭގައި ޚިދުމަތުން ރިޓަޔަރކުރައްވަން ނިންމަވާފައެވެ. ނަމަވެސް، ހުޅުމާލޭގެ ތަރައްޤީއަށް ބޭނުންވާ އިތުޝާދާ އެހީތެރިކަން ދިނުމުގައި އަބަދުވެސް ދެމިހުންނަވާނެކަމަށް މުޙައްމަދު މަޢުރޫފް ޖަމީލް ވަނީ ވިދާޅުވެފައެވެ.