ކޯވިޑް-19

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 44 މީހުން، ބަލިން ރަނގަޅުވީ 21 މީހުން


ރާއްޖެއިން މިއަދު އިތުރު 44 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އަންގާރަ ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 34 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން 10 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެއެޖެންސީން ވިދާޅުވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަލަށް ޕޮޒިޓިވްވި 44 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 12،854 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 21 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 11،681 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ގެ ކޭސްތައް ފެނުނުތާ 263 ދުވަސްވެފައި ވާއިރު، މިހާތަނަށް މި ބަލި ޖެހިގެން 46 މީހުން ރާއްޖޭގައި ވަނީ ނިޔާވެފައެވެ. އެއީ 38 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1،120 އަށް އަރާފައިވާއިރު، ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 95 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1516 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިހާތަނަށް ރިޕީޑެޓް ސާމްޕަލްތައް ހިމެނޭހެން ޖުމްލަ 236،182 ސާމްޕަލެއް ކޯވިޑް-19 އަށް ޓެސްޓްކުރުމަށްޓަކާ ވަނީ ނަގާފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 14 ރަށަކުން ކޯވިޑް-19 ގެ އެކްޓިވް ކޭސްތައް ފެނިފައި ވާކަމަށެވެ. އެގޮތުން އަތޮޅުތަކުން 7 ދިވެއްސަކަށާއި، 7 ބިދޭސީންނަށް ކޯވިޑްޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.