ފީފާ ކުލަބު ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ސްޕެއިންގެ ރެއާލް މެޑްރިޑުން ހޯދައިފިއެވެ. އެ ޓީމުން މި މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އިޓަލީގެ ޔުވެންޓަސްއާ ދެކޮޅަށް މުބާރާތުގެ ދެވަނަ ބުރުގައި ރޭ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މަޔާމީގެ ހާޑްރޮޑް ސްޓޭޑިއަމްގައި ފަސްދޮޅަސް ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ކުރީކޮޅު ޔުވެންޓަސްގެ ރަންޑަލް ކޯލޯމުއާނީ އަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ކޯލޯ މުއާނީ އަށް ލިބުނު ބޯޅަ ހިފައިގެންގޮސް އޭނާ ކޯޓުއާގެ ބޯ މަތިން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑަށް ލިބުނު އެންމެ ހުސް ފުރުސަތު ލިބިފައިވަނީ ޖޫޑް ބެލިންހަމް އަށެވެ. ނަމަވެސް އޭރިޔާ ތެރެއަށް ވަދެ އޭނާ ވަރަށް ހަނި އޭނަގަލަކުން ފޮނުވާލި ހަމަލާ ޔުވެންޓަސްގެ ގޯލު ކީޕަރު މިޝޭލް ޑި ގްރެގޯރިއޯ ވަނީ ވަރަށް ހުށިޔާރު ކަމާއެކު މަތަކޮށްފަ އެވެ.
މި މެޗުގައި ރެއާލް މެޑްރިޑް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 54 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑް ދިން އެސިސްޓަކުން ގޮންޒާލޯ ގާސިއާ އެވެ.
ގާސިއާ މި ލަނޑު ޖެހިތާ ގިނައިރުތަކެއް ނުވަނީސް ޒަބީ އަލޮންސޯ ވަނީ އޭނާގެ ބަދަލުގައި ފްރާންސްގެ ފޯވަޑް ކިލިއަން އެމްބާޕޭ ކުޅެން އަރުވާފަ އެވެ.
މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ގްރެގޯރިއޯ ވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ބެލިންހަމް އާޢި ޑީން ހުއިސަން ފޮނުވާލި ދެ ހަމަލައެއް ދިފާއުކޮށްފަ އެވެ.
މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ރެއާލް މެޑްރިޑް އާއި ދެކޮޅަށް ނިކުންނާނީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑް އެވެ.