ތަރައްްޤީ

ބޮޑު ތިލަދުންމަތީގައި ތަރައްޤީކުރި 3 ވަނަ އެއަރޕޯޓު ރަސްމީކޮށް ހުޅުވައިފި


ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި މިސަރުކާރުން ތަރައްޤީކުރި އެއަރޕޯޓް ރަސްމީކޮށް ހުޅުވައިފިއެވެ.

މިކަމަށްޓަކައި ހއ. ހޯރަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެއަރޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއާއި، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބުދުﷲ އާއި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމާއި، އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމާއި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމްގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ހޯރަފުށީ އެއަރޕޯޓަކީ ބޮޑުތިލަދުންމަތީގައި ތަރައްޤީކުރި 3 ވަނަ އެއަރޕޯޓެވެ. އެއަރޕޯޓު ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު އެރަށަށް ވަޑައިގަތުމުން، ހޯރަފުށީގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ހޯރަފުށީ އެއަރޕޯޓުގެ މަސައްކަތް ނިންމައި، ޓެސްޓް ފްލައިޓް ޖައްސާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. މި އެއަރޕޯޓަކީ މިހާތަނަށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ބިން ހިއްކައިގެން ރާއްޖޭގައި ތަރައްޤީކޮށް ހުޅުވި ފުރަތަމަ ޑޮމެސްޓިކް އެއަރޕޯޓެވެ.

198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހއ. ހޯރަފުށީގައި އެއަރޕޯޓެއް ތަރައްޤީކޮށްފައިވާއިރު މި އެއަރޕޯޓްގައި 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެއް އޮވެއެވެ. 8635 ސްކުއަރ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9473 ސްކުއަރ މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ސްކުއަރ މީޓަރުގެ ފަޔާ އެކްސެސް މަގެއްވެސް މި މަޝްރޫޢުގެ ދަށުން ވަނީ ތަރައްޤީކޮށްފައެވެ. އަދި 100 މީހުންގެ ޖާގައިގެ ޕަސެންޖަރ ޓަރމިނަލަކާއި ފަޔަރ ބިލްޑިންގއެއްވެސް އެއަރޕޯޓުގައި ޤާއިމުކޮށްފައިވެއެވެ.

ކުރީ ސަރުކާރުން ހއ. މާފިނޮޅުގައި ތަރައްގީ ކުރަން ނިންމި އެއަރޕޯޓު ހޯރަފުށީގައި އެޅުމަށް ނިންމީ މި ސަރުކާރުންނެވެ. 25 މާރޗް 2019 ގައި އެމްޓީސީސީއާއެކު އެއަރޕޯޓް ތަރައްޤީކުރުމަށް ސޮއިކުރުމަށްފަހު އޭގެ 24 ދުވަސް ފަހުން ވަނީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައެވެ.

2019 ވަނަ އަހަރު އޭޕްރީލްމަހުގެ 18 ވަނަ ދުވަހު ހޯރަފުށީ ފަޅުން 16 ހެކްޓަރުގެ ބިން ހިއްކައިގެން އެރަށުގައި އެއަރޕޯޓް ތަރައްޤީކުރަން ފެށި މަޝްރޫޢަކީ ހއ.އަތޮޅުގެ އުތުރުގެ ރަށްތަަކަށް އޮތް ދަތުރުފަތުރުގެ ދަތިކަމަށް ޙައްލު ހޯދުމަށް ފެށި އުންމީދީ މަޝްރޫޢެކެވެ. ހއ. ހޯރަފުށީގައި މި އެއަރޕޯޓް ތަރައްޤީކޮށް ނިންމާލާފައި މިވަނީ މަސައްކަތުގެ އަމަލީ މަސައްކަތް ފެށިތާ 576 ދުވަސް ނުވަތަ ދޮޅު އަހަރު ދުވަހުގެ ތެރޭގައެވެ.