ރިޕޯޓް

ފެހެންދޫ ރައްޔިތުން ތިލަ ފަޅުން ރަށަށް ކައިރި ކުރި ޒަމާން މާޒީއަށް


ފެހެންދޫގައި ހަދާ އާ ބަނދަރުގެ މަސައްކަތް މިއަހަރުތެރޭގައި ނިންމާލުމަށް، ބަނދަރުގެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެކްޓިން ކޮމްޕެނީ އެމްޓީސީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިބަނދަރާއެކު، ރައްޔިތުން ތިލަ ފަޅުން ރަށަށް ފޭބި ޒަމާން މާޒީއާއެކުވެގެންދާނެ ކަމަށް ފެހެންދޫ ރައްޔިތުން ބުނެއެވެ.

ބ.އަތޮޅުގައި ގޮއިދު އަތޮޅުގެ ނަމުން މަޝްހޫރުވެފައިވާ ސަރަހައްދުގައި ހިމެނޭ ތިން ރަށުގެ ތެރެއިން ފެހެންދޫ ރައްޔިތުން އެންމެ ކަންބޮޑުވާ އެއް މަސަލައަކީ ލަފާ ފުރޭނެ ބަނދަރެއް ނެތުމެވެ.

މިކަމަށް ހައްލު ހޯދުމަށް އެންމެ ކުރިންސުރެން ފެށިގެންވެސް ފެހެންދޫގެ ރައްޔިތުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2019 ވަނަ އަހަރު ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް އެރަށަށް ވަޑައިގަތުމުން އެރަށު ކައުންސިލުން ވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު، ބަނދަރުގެ ވާހަކަވެސް ރައީސްއާ ހިއްސާ ކުރައްވާފައެވެ.

ރަށުގެ ފަޅަށް ވަދެ ނުކުތުމުގައި ދިމާވެފައިވާ ގޮންޖެހުމުގެ ސަބަބުން، ރަށަށް މާލެއިން ގެންނަ މުދާތައް ބާލަނީ އެއްފަޅެއްގައި އޮންނަ ގޮއިދޫއަށެވެ. އަދި ރަށަށް ގެންނަ މުދާތައް ބަލާ، އިތުރު ޑިންގީއެއް 100 ރުފިޔާއަށް ކުއްޔައްނަގައިގެން ދިއުމަކީ މިހާރުވެސް އެރަށު ރައްޔިތުން އުފުލާ ތަކުލީފެކެވެ.

"ބައެއް ފަހަރު ދެގުނަ ޚަރަދު ކުރަންޖެހޭ، އަތޮޅު ފެރީއެއް ނާދޭ، މާލެ ދަތުރު ކުރާ ލޯންޗް ފަހަރު ނާދޭ، މުދާ އުފުލާ ބޯޓެއް ނާދޭ، މީ އަޅުގަނޑުމެންގެ ހާލަތު، މާލެއިން ކޮންމެ އެއްޗެއް ގެނަޔަސް ބަލާ ދާން ޖެހެނީ ގޮއިދޫއަށް. މިސާލަކަށް މުހިންމު ބޭނުމެއް ޖެހިގެން 100 ރުފިޔާ ދީފައި ގެންނަ އެއްޗެއް. އޭތި ބަލާދާން އިތުރު 100 ރުފިޔާ އެބަޚަރަދު ކުރަންޖެހޭ." ވާހަކަދައްކާލި ފެހެންދޫ ރައްޔިތުންބުންޏެވެ.

ފަޅު ތެރެއިން ކުދިކުދި ޑިންގީ ތަކުގައި މިހާރު ދަތުރު ކުރާ ފެހެންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަމަށް ހައްލު ހޯދާދިނުމުގެ ގޮތުން ސަރުކާރުން އެރަށުގައި ރަނގަޅު ފެންވަރުގެ ބަދަރެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

އެ ބަނދަރު މި އަހަރު ތެރޭގައި ބޭނުން ކުރެވޭވަރު ކޮށްދިނުމަށް ގެންދަނީ މަސައްކަތްކުރަމުންނެވެ. ބަނދަރުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގައި ގައު އެތުރުރުމުގެ މަސައްކަތެވެ. ގައު އެތުރުމުގެ މި މަސައްކަތްވެސް މިމަހު ނިންމާލެވޭނެކަމަށް މިމަސައްކަތްކުރާ އެމްޓީސީސީން މަޢުލޫމާތުދެއެވެ. މި ބަނދަރު ހަދަމުންދަނީ ގުދުރަތީ ގޮތުން ރީތިކަމެއް ލިބިފައިވާ ފެހެންދޫގެ ރީތި ގޮނޑުދޮށް ނުގެއްލޭނެހެންނެވެ.

ރާއްޖޭގައި ތަރައްޤީ ކުރާ ނަމޫނާ ބަނދަރުތަކުގެ ތެރެއިން އެންމެ ފުރަތަމަ ބަނދަރު އަޅަނީވެސް ފެހެންދޫގައެވެ.
300 އާ ގާތްކުރާ އަދަދެއްގެ އާބާދީއެއް ދިރިއުޅޭ ފެހެންދޫއަކީ ބ.އަތޮޅުގައި އޮތް އެންމެ އާބާދީ ކުޑަރަށެވެ.