ތަޢުލީމު

ބަޖެޓް 2021 : ތަޢުލީމީ ދާއިރާއަށް 4 ބިލިއަން، 105 ރަށެއްގައި މަޝްރޫޢުތައް ހިންގުމަށް ރޭވިފައިވޭ


2021 ވަނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް 4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށާއި، 105 ރަށެއްގައި ތައުލީމީ ދާއިރާއާއި ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށް ރޭވިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، މިއީ އިޤްތިސާދީ ހަރަކާތްތައް ފުޅާވެ، އަލުން ތަރުތީބުވެ، އާރާސްތުކުރަމުންދާ ދަނޑިވަޅެއްގައި ބޭނުންވާ ވޯރކްފޯސް ބިނާކުރުމަށާއި، ތައުލީމަށްޓަކައި ހިޖުރަކުރަން ޖެހޭ މިންވަރު ކުޑަކުރުމަށް އިސްކަންދީގެން ކަނޑައެޅިފައިވާ ބަޖެޓެއްކަމަށެވެ.

ތައުލީމީ ދާއިރާއަކީ އެއްދާއިރާއަކުން އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ރޭވިފައިވާ އެއް ދާއިރާކަން ފާހަގަކުރައްވާ ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، 105 ރަށެއްގައި މަޝްރޫއުތައް ހިންގުމަށް ރޭވިފައިވާކަމަށެވެ. މީގެ ތެރޭގައި ސްކޫލުތަކާއި، ކްލާސްރޫމްތަކާއި، ތައުލީމީ ވަސީލަތްތައް ބިނާ ކުރުމަށް ޚަރަދު ކުރެވޭނެކަމަށާއި ތައުލީމީ ދާއިރާއަށް ކުރެވޭ ހޭދައިން ދަރިވަރުންނަށް ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރަޙައްދީ ތަރައްޤީގެ ތަޞައްވުރުގެ ތެރެއިން، ޚާއްޞަ އިސްކަމެއްދީގެން ރާއްޖޭގެ 5 ސަރަހައްދެއްގައި ފެންވަރު ރަނގަޅު، ވަށާޖެހޭ ތަޢުލީމީ ނިޒާމަކަށް ވާޞިލްވުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރުމަށް ބަޖެޓުގައި ހިިމަނާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސަރުކާރުގެ އަމާޒަކީ، ފެންވަރު ރަނގަޅު ތަޢުލީމެއް މި ސަރަޙައްދުތަކުން ލިބޭނެ މަގު ފަހިކޮށްދިނުން. މި ސަރުކާރުން ކާމިޔާބުކަމާއެކު ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމް، ބަދަލުތަކަކާއެކު އިތުރަށް ހަރުދަނާކޮށް، އެފިޝަންޓްކޮށް 2021 ވަނަ އަހަރުވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ބަޖެޓްކުރެވިފައި. އަޅުގަނޑުމެންގެ އެންމެ ބޮޑު ރައުސްމާލަކީ ރާއްޖޭގެ ޒުވާން އާބާދީ. މި ދަނޑިވަޅަކީ ކުރިއަށް އޮތް ގަރުނަށް ބެލިކަމުގައި ވީނަމަވެސް ޒުވާނުންގެ އާބާދީ ނިސްބަތުން އެންމެ މަތީގައި ހުންނާނެ ވަގުތު. އަޅުގަނޑުމެންގެ ޒުވާނުންނަކީ ގާބިލު ބަޔެއް. ފަންނީ ބަޔެއް. ހިޔާލު ތަނަވަސް ބަޔެއް. މިސަރުކާރުގެ އަމާޒަކީ އަޅުގަނޑުމެންގެ ޒުވާނުންގެ މި ގާބިލިއްޔަތު އިތުރުކޮށް، އަދި މި ޒުވާނުންގެ ހުނަރާއި ގާބިލިއްޔަތު އުފެއްދުންތެރި ދާއިރާތަކަށް ލިބޭނެ މަގު ފަހިކޮށްދިނުން" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ކޯވިޑް-19 ގެ ޙާލަތުންވެސް އަޅުގަނޑުމެނަށް ދަސްވި ފިލާވަޅަކީ، ޒުވާނުންނަށް ތަފާތު އެކިއެކި ހުނަރުތައް ދަސްކޮށްދިނުމުގެ މުހިއްމުކަމާއި ރެޒިލިއަންޓް ވޯކްފޯސްއެއް ބިނާކުރުމުގެ މުހިއްމުކަންކަމަށެވެ. އަދި ޒުވާނުންގެ ހުނަރު ތަރައްގީކުރުމަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، 2021 ވަނަ އަހަރުގެ ބަޖެޓުގައި ގިނަ މަޝްރޫއުތަކަކާއި ޕްރޮގްރާމް ތަކެއް ރޭވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ލ. އަތޮޅުގައި ޓުއަރިޒަމް ޓްރެއިނިންގ ފެސިލިޓީއެއް ގާއިމުކުރުމަށް ވާނީ ބަޖެޓުކުރެވިފައި. ހުޅުމާލެ، ކުޅުދުއްފުށި، ފުވައްމުލައް އަދި ރ.އަލިފުށީގައި އެންމެ ޒާމާނީ ޓިވެޓް އިންސްޓިޓިއުޓު ތައް ގާއިމުކުރުމަށް ވެސް ބަޖެޓުގައި ވާނީ ހިމެނިފައި. މީގެ އިތުރުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ޖޫނިއަރ ކޮލެޖު ގާއިމުކުރުމަށާއި، ގައުމީ ޔުނިވަރސިޓީގެ ވަސީލަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާ ކުރުމަށް ވެސް ބަޖެޓުގައި ހުށަހަޅާފައިވާނެ" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިސަރުކާރުގެ ފުރަތަމަ އަހަރު ތައާރަފު ކުރި ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމަކީ މަތީ ތަޢުލީމުގެ ދާއިރާއިން ޙާސިލުކުރެވުނު އެންމެ ބޮޑު އެއް ކާމިޔާބީކަން ފާހަގަކުރައްވާ މި ޕްރޮގްރާމް ގެ ދަށުން މިހާތަނަށް 7,800 އަށް ވުރެ ގިނަ ކުދިންނަށް ހިލޭ ކިޔެވޭނެ މަގު ފަހިކޮށްދީފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި 2021 ވަނަ އަހަރު މަތީ ތައުލީމު ހާސިލް ކުރުމަށް ދަރިވަރުންނަށް ދެމުންގެންދާ ހަޔަރ އެޑިއުކޭޝަން ލޯން ސްކީމަށާއި، ހިލޭ ފަސްޓް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ޕްރޮގްރާމަށާއި، ސްކޮލަރޝިޕްތަކަށް 551 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ބަޖެޓުކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީފާ ހޯދާ ފަރާތްތަކަށް ޚާއްޞަކޮށްގެން ރީ-ސްކިލް ކުރުމުގެ ޕްރޮގްރާމެއް އަންނަ އަހަރުގެ ބަޖެޓުން ފެށޭނެ ކަމަށާއި، ރިޒޯޓުތަކުގެ ސީނިއަރ މެނޭޖްމަންޓް މަޤާމްތަކުގައި ދިވެހިން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމް ހިންގުމަށް ބަޖެޓްކުރެވިފައިވާކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.