ޚަބަރު

ހިތާދޫއަށް 400 ކިލޯވޮޓުގެ ޖަނަރޭޓަރެއް ގެންގޮސްފި


ބ.އަތޮޅު ހިތާދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި 400 ކިލޯވޮޓުގެ ޖަނަރޭޓަރ ސެޓެއް އެރަށަށް ގެންގޮސްފިއެވެ.
ހިތާދޫ ކައުންސިލްގެ ރައީސް ޢަބްދުލް އަޒީޒް މުޙައްމަދު ވިދާޅުވީ، މި ޖަނަރޭޓަރ ބޭނުންކުރަން ފެށުމުން، އެ ރަށުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމާއި ގުޅިގެން ކަރަންޓު ކެނޑޭ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

އަޒީޒް ވިދާޅުވީ އެރަށަށް އަލަށް ގެންދިޔަ 400 ކިލޯވޮޓުގެ ޖަނަރޭޓަރ ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން އިންޖީނު ބެހެއްޓުމަށް ޕައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ކުރިއަށް މި އޮތް ދެ ހަފްތާއެއްހާ ދުވަހުގެތެރޭގައި ޖަނަރޭޓަރ އިންސްޓޯލްކުރުމުގެ މަސައްކަތްވެސް ނިމޭނެކަމަށް ހިތާދޫ ކައުންސިލުން ވިދާޅުވެއެވެ.

މިހާރު ހިތާދޫއަށް ކަރަންޓް ދިނުމަށް ބޭނުން ކުރަނީ 160 އާއި 128 ކިލޯ ވޮޓުގެ ދެ ޖަނަރޭޓަރެވެ. މި ދެޖަނަރޭޓަރުގެ އިތުރުން ކަރަންޓް ދިނުމަށް މީގެ ކުރިން ބޭނުން ކުރަމުންއައި 200 ކިލޯވޮޓުގެ ޖަނަރޭޓަރ ވަނީ ހަލާކުވެފައެވެ.

ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ހައްލު ކުރުމަށް ފެނައިކައިން ދަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ކުދި އާބާދީތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ދަނީ ޙާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންނެވެ.