ކޯވިޑް-19

ކޯވިޑް-19 : އިތުރު 30 މީހަކު ޕޮޒިޓިވްވެއްޖެ


މިއަދު ރާއްޖެއިން އިތުރު 30 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހުކުރު ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 23 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން 7 މީހުން ޕޮޒިޓިވްވެފައި ވާކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަލަށް ޕޮޒިޓިވްވި 30 މީހުންގެ ތެރެއިން 18 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 12 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 11،421 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 44 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 10،472 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހިގެން 37 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ. އެއީ 30 ދިވެހިންނާއި، 7 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 905 އަށް އަރާފައިވާއިރު 324 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 39 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެގޮތުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 36 މީހަކަށް ވޯޑުގައި ފަރުވާދެމުންދާއިރު، އެކަކަށް އައި.ސީ.ޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ. އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ށ. ފުނަދޫގައި އެކަކަށް އަދި ބ. އޭދަފުށީގައި އެކަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1،355 ސާމްޕަލެއް ވަނީ ނަގާފައެވެ.

މިވަގުތު މޮނިޓަރިންގ ޙާލަތުގައި އޮތީ ކުޅުދުއްފުށި ސިޓީ އެކަންޏެވެ.