ދުނިޔޭގެ ވިޔަފާރި

ދުނިޔޭގެ އެންމެ ބޮޑު ފެންއަރުވާ ވަޑާން އަންނަ ބުރާސްފަތިދުވަހު ޔޫއޭއީގައި ހުޅުވަނީ

ދުނިޔޭގެ އެންމެ ބޮޑު ފެންއަރުވާ ވަޑާން އަންނަ ބުރާސްފަތި ދުވަހު ޔޫއޭއީގައި ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ޔޫއޭއީއިން އެންމެ ބޮޑު ފެންއަރުވާ ވަޑާމް ނުވަތަ ވޯޓަރ ފައުންޓަންއެއް ހުޅުވުމަށް ތައްޔާރުވެފައިވާއިރު، ދުނިޔޭގައި މިހާރު ހުރި އެންމެ ބޮޑު ފެންއަރުވާ ވަޑާންވެސް ހުރީ އެ ޤައުމުގައެވެ.

ދުބާއީގެ މަޝްހޫރު ވޯޓަރ ފްރޮންޓް ކޮމްޕްލެކްސް. ޕާމް ޖުމެއިރާގައި ހުޅުވުމަށް ތައްޔާރުވާ އައު ފެންއަރުވާ ވަޑާން ހުޅުވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ނިންމާލާފައެވެ. "ޕާމް ފައުޓަން"ގެ ނަން ދީފައިވާ މި ފައުންޓަންއަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު ފައުންޓަންކަމުގައިވާ ދުބާއީ މޯލްގައި ހުންނަ "ދުބާއީ ފައުންޓަން" ފަހަތަށް ޖައްސާލާ މި މަޤާމު ޙާސިލްކުރާނެ މޮނިއުމެންޓަކަށް ވާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އަލަށް ހުޅުވުމަށް ތައްޔާރުވެފައިވާ "ޕާމް ފައުންޓަން"ގެ ބޮޑުމިނުގައި 14 ހާސް އަކަ ފޫޓް ހުރެއެވެ. ގިނަ އަދަދެއްގެ ސުޕަރ ޝޫޓަރ ހަރުކޮށްފައިވާ މި ފައުންޓަންގައި އެންމެ އުހަށް ފެން އަރާނެކަމަށް ލަފާކުރެވެނީ 105 މީޓަރަށެެވެ. ޔޫއޭއީގެ ކަނޑުން ފެން ނަގައިގެން ބޭނުންކުރާ މި ފައުންޓަންގައި 3000 ލެޑް ލައިޓާއި ފައުންޓަންގެ ދެ ފަރާތުގައި 86 ސްޕީކަރު ވަނީ ހަރުކޮށްފައެވެ.

"ޕާމް ފައުންޓަން" ހުޅުވުމުގެ ރަސްމިއްޔާތު ކުލަ ގަދަގޮތެއްގައި ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު، މި ހަރަކާތް ބަލާލުމަށް އާންމުންނަށް އެއްވެސް ފީއަކާއި ނުލާ ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މުޅި ދުވަހަށް ދެމިގެންދާ ގޮތަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި އެކި އުމުރުފުރާއަށް ޚާއްސަ ހަރަކާތްތައް ތާވަލުކޮށްފައިވާކަމަށް ޕާމް ޖުމެއިރާއިން މަޢުލޫމާތުދެއެވެ. އެގޮތުން އެކި މުބާރާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު ޕޮއިންޓޭގެ އެދުވަހު ހުރިހާ ރެސްޓޯރެންޓެއްވެސް މުޅި ދުވަހު ހުޅުވާފައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އަދި މި ހަރަކާތުގެ އެންމެ ޙާއްސަ އައިޓަމްއެއްގެ ގޮތުން ފެންވަރުވާ ވަޑާމުގެ ހަރަކާތްތަކާއި، ލައިޓް ޝޯވތަކާއި، ނެށުމާއި ހަވާއެރުވުމުގެ ހަރަކާތްތައްވެސް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

ދުބާއީ ގަޑިން ރޭގަނޑު 8 ޖަހާއިރު ފައުންޓަން ރަސްމީކޮށް ދައްކާލުމަށް ނިންމާފައިވާއިރު، ޕޮއިންޓޭގެ 30 ރެސްޓޯރެންޓުން މި މަންޒަރުތައް ބަލާލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ހަރަކާތުގައި ބައިވެރިވުމަށް އާންމުންގެ ގިނަ ބަޔަކު މިހާރުވެސް ރަޖިސްޓްރީކުރަމުންދާއިރު، ރަޖިސްޓްރީ ވާ ފަރާތްތަކަށް ޚާއްސަ ހަދިޔާތައްވެސް ދަނީ ބަހަމުންނެވެ. އެގޮތުން ރޭގަނޑުގައި ދިއްލާ ލެޑް ލައިޓްތަކާއި ރިސްޓް ބޭންޑްތައް ފަދަ ހަދިޔާ ދަނީ ބަހަމުންނެވެ.

"ޕާމް ފައުންޓަން" ހުޅުވުމަށް ތައްޔާރުވެފައިވާއިރު، މި ފައުްޓަންގެ ހަރަކާތްތައް ކުރިއަށްގެންދާނެގޮތުގެ ތާވަލުވެސް ވަނީ މިހާރު ނެރެފައެވެ. އެގޮތުން ކޮންމެ ދުވަހެއްގެވެސް އިރުއޮއްސުމުން ފެށިގެން ދަންވަރު ބާރަ ޖެހުމާއި ހަމައަށް ފެންވަރުވާ ވަޑާމުގެ ހަރަކާތްތައް ކުރިއަށްދާއިރު އެ ގަޑީގައި 20 ވޯޓަރ ޝޯތަކުގައި ތަފާތު ހަރަކާތްތައް ދައްކާލުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޝޯވގެ ދެމެދު 30 މިނެޓްގެ ބްރޭކްނަގާއިރު ކޮންމެ ޝޯ އެއްގެ ދިގުމިނަކީ ތިން މިނެޓެވެ.