ޚަބަރު

ކޭންގެ ހެޓްރިކާއެކު ބަޔާންއަށް ފަސޭހަ މޮޅެއް


ޖަރުމަން ލީގުގައި ރޭ އާރްބީ ލައިޕްޒީގާ ދެކޮޅަށް ކުޅުނު މެޗުގައި ހެރީ ކޭން ހެދި ހެޓްރިކާއެކު 6-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެއްޖެއެވެ.

އެލިއަންޒް އެރީނާގައި ކުޅުނު މި ސީޒަނުގެ ލީގުގެ ފުރަތަމަ މެޗުގައި އިދިކޮޅު ޓީމުގެ ގޯލު ހުޅުވާލުމަށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ނަގާފައިވަނީ އެންމެ 27 މިނިޓެވެ.

ސާޖް ގްނަބްރީގެ މޮޅު ކުޅުމާއިއެކު އޭނާ ދިން ޕާހަކު މެޗުގެ 27 ވަނަ މިނިޓުގައި މައިކަލް އޮލިސޭ ވަނީ ލަނޑެއް ޖަހާ ބަޔާން މިއުނިކަށް ކުރި ހޯދަދީފަ އެވެ.

އަދި އޭގެ ފަސް މިނިޓު ފަހުން ލިވަޕޫލްއިން ދާދި ފަހުން ބަޔާން މިއުނިކާއި ގުޅުނު ލުއިސް ޑިއާޒް ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑު ކޮށްފަ އެވެ. މި ލަނޑު އޭނާ ޖެހުމުގެ ކުރިން ފޮނުވާލި ނުރައްކާތެރި ހަމަލައެއް ވަނީ ލައިޕްޒީގުގެ ގޯލުގެ ދަނޑީގައިވެސް ޖެހިފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ގްނަބްރީގެ އިތުރު އެސިސްޓަކުން މައިކަލް އޮލިސޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.

ބަޔާން މިއުނިކުން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ 64 ވަނަ މިނިޓުގައި ހެރީ ކޭން ވަނީ ލަނޑެއް ޖަހާ އޭނާގެ ނަން ސްކޯ ޝީޓަށް އަރުވާފައެވެ. އަދި އޭގެ ދިހަ މިނިޓު ފަހުން ލުއިސް ޑިއާޒްގެ އެސިސްޓަކުން ކޭން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

ހެރީ ކޭން މި މެޗުގައި ހެޓްރިކް ހަދާފައިވަނީ މެޗުގެ 77 ވަނަ މިނިޓުގައި ކިމް މިންޖައި ދިން ޕާހަކުން ޕެނަލްޓީ އޭރިޔާ ތެރޭގައި ހުހަށް ހުރެ ކާމިޔާބުކުރި ލަނޑުންނެވެ.