ތަރައްްޤީ

ހޯރަފުށީ އެއަރޕޯޓު ނޮވެމްބަރު 11 އަށް ނިންމަނީ


ހޯރަފުށީ އެއަރޕޯޓުގެ މަސައްކަތް ނޮވެމްބަރު 11އަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދާ ސައިޓަށް އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ޒިޔާރަތްކުރައްވައި، އެ މަސައްކަތް ކުރިއަށްދާގޮތް ވަނީ ބައްލަވާލައްވާފައެވެ. އަދި މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާއިގުޅޭ އެންމެފަހުގެ މަޢުލޫމާތު އޮޅުން ފިލުއްވާފަވެއެވެ.

އެމް.ޓީ.ސީ.ސީން ވިދާޅުވީ، ހޯރަފުށީ އެއަރޕޯޓުގެ މަސައްކަތް ހުއްޓުމެއްނެތި ވަރަށް ބާރު ދުވެލީގައި ކުރިއަށްދާކަމަށެވެ. އަދި އަމާޒަކީ އަންނަމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެ މަޝްރޫޢުގެ މަސައްކަތް މުޅިން ނިންމާލުންކަމަށްވެސް އެމް.ޓީ.ސ.ީ.ސީން ވިދާޅުވެފައި ވެއެވެ.

އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން 1200 މީޓަރު ދިރު، 35 މީޓަރު ފުޅާ ރަންވޭއަކާއި، 8636 އަކަމީޓަރުގެ އޭޕްރަންއަކާއި، ޓެކްސީވޭ އާއި، ސަރވިސް މަގުތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 9473 އަކަމީޓަރުގެ ޕާކިންގ އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔަރ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއަރޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސްއެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހޯރަފުށީ ފަޅުން ވަނީ 84،2200 އަކަ މީޓަރުގެ ސަރަޙައްދެއް ހިއްކާފައެވެ. ބިން ހިއްކުމުގެ މަސައްކަތް މުޅިން ނިމުނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުއެވެ.

ހޯރަފުށީ އެއަރޕޯޓުގައި ޕަސެންޖަރ ޓަރމިނަލަކާއި، ފަޔަރ ބިލްޑިންގއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމް.ޓީ.ސީ.ސީއާއެވެ. އެކަމުގެ އެއްބަސްވުމުގައި މިދިޔަ އޯގަސްޓްމަހުގެ 27 ވަނަ ދުވަހު ސޮއިކޮށްފައިވާއިރު، މި މަޝްރޫޢުގެ ދަށުން ހޯރަފުށީ އެއަރޕޯޓުގައި ތަރައްޤީކުރުމަށް ހަމަޖެހިފައި ވަނީ 100 މީހުންގެ ޖާގައިގެ ޕަސެންޖަރ ޓަރމިނަލެކެވެ.

މި މަޝްރޫޢާއެކު ރާއްޖޭގެ އުތުރުގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އައިސް، ހޯރަފުއްޓާއި ކައިރި ރަށްރަށުގެ ދަތުރުފަތުރުގެ ނިޒާމަށް ލުއިތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މިއީ އުތުރުގައި ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓްކޮށް، އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށްވެސް ހުޅުވިގެންދާ ދޮރެއްގެގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ. ހޯރަފުށީ އެއަރޕޯޓުގެ އެންމެފަހުގެ މަސައްކަތްތައް ކުރިއަށްދާއިރު، އެއަރޕޯޓް ހިމެނޭ ސަރަޙައްދު ފެހިކުރުމުގެ މަސައްކަތްވެސް ހޯރަފުށީ ކައުންސިލާއި، ރަށުގެ ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ.