ޚަބަރު

ފެހެންދޫ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް އަންނަ މަހު ނިމޭނެ


ބ.ފެހެންދޫ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް އަންނަ މަހު ނިމޭނެކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމު ތޮށިލުމަށް ބޭނުން ކުރާ ގައު އެތުރުމުގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ 6 ވަނަދުވަހުއެވެ. މިހާރު އެމަސައްކަތުގެ 50 އިންސައްތަ ނިމިފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި، 130 މީޓަރުގެ ބޭރު ތޮށްޓެއްލުމާއި 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 214 މީޓަރުގެ ސަރަހައްދެއްގައި ކީވޯލްހެދުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާ މި މަސައްކަތް ހަވާލުކޮށްފައިވަނީ، 649.6 މިލިއަން ރުފިޔާއަށެވެ.

ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 10 ވަނަ ދުވަހުއެވެ.