ކުޅުދުއްފުށިން ކޯވިޑް-19 އަށް ފުލުހަކު ޕޮޒިޓިވްވުމާގުޅިގެން ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން މިހާތަނަށް ހއ، ހދ އަދި ށ އަތޮޅުން ޖުމްލަ 137 ސާމްޕަލެއް ނަގާފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ ހެލްތް ސަރވިސަސް އަޙްމަދު ދާއޫދު ވިދާޅުވީ، ކުޅުދުއްފުށިން ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އިއްޔެ އެރަށުން ނެގި 23 ސާމްޕަލްވެސް ނެގެޓިވްވެފައިވާކަމާށެވެ. އަދި މި ކޭސްއާއި ގުޅިގެން ކުޅުދުއްފުށިން މިހާތަނަށް 33 ސާމްޕަލް ނަގާފައިވާކަމަށެވެ. ދާއޫދު ވިދާޅުވީ ޕޮލިސް ކްލަސްޓަރއާއި ގުޅިގެން ހއ، ހދ، އަދި ށ އަތޮޅުން މިހާތަނަށް ޖުމްލަ 137 ސާމްޕަލް ނަގާފައިވާކަމަށެވެ. އަދި މީގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 7 ސާމްޕަލެއްކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ކުޅުދުއްފުށިން ޕޮޒިޓިވްވި ފުލުސް މީހާއާއި ކޮންޓެކްޓްވި މީހުންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ އެރަށުން 2 މީހަކާއި، ހއ. ދިއްދޫއިން 3 މީހަކާއި، ހދ. ކުރިނބީން އެކަކާއި، ށ. ފޯކައިދޫއިން އެކަކެވެ.
ދާއޫދު ވިދާޅުވީ، މިކޭސްއާއި ގުޅިގެން 3 އަތޮޅުން ޖުމްލަ 180 މީހަކު މިވަގުތު ހޯމް ކަރަންޓީނުގައި ތިބިކަމަށެވެ. އަދި މި ކޭސްއާއި ގުޅިގެން ރޭ ދިއްދޫއިން ޕޮޒިޓިވްވި 3 މީހުންނާއި، މިއަދު ފޯކައިދޫއިން ޕޮޒިޓިވްވި މީހާއާއި ގުޅިގެން އެ ދެ ރަށުގައި ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން ބައެއް މީހުންގެ އަލާމާތްތައް ހުރިކަމުގައިވިޔަސް، އެންމެންގެ ހާލުވެސް އާންމުގޮތެއްގައި ރަނގަޅުކަމަށް ދާއޫދު ވިދާޅުވިއެވެ.
މިވަގުތު ކުޅުދުއްފުށީގައި ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ތިބީ ފާޅު ބޯޓް ކޭސްއާއި ގުޅިގެން 4 މީހަކާއި، ޕޮލިސް ކޭސްއާއި ގުޅިގެން 2 މީހުން އަދި ހޯމް ކަރަންޓީނު ރިލީސް ސާމްޕަލް ޕޮޒިޓިވްވި އެކަކުކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.