ކޯވިޑް-19

ސީ.ވީ.އެފްގެ ތީމެޓިކް އެމްބެސެޑަރަކަށް ރައީސް ނަޝީދު އައްޔަން ކުރެއްވުމަކީ ލިބުނު ކުރިއެރުމެއް - މިނިސްޓަރ ޝާހިދު


ސީ.ވީ.އެފްގެ ތީމެޓިކް އެމްބެސެޑަރަކަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އައްޔަން ކުރެއްވުމަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއްކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހީދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ މިހެން ވިދާޅުވީ، އދ.ގެ އާއްމު މަޖިލީހުގެ ހަވާސާގައި ވަރޗުއަލްކޮށް ކުރިއަށްދިޔަ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ލީޑަރސް އިވެންޓްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ފަރާތްޕުޅުން މި އިވެންޓްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވަނީ ސީ.ވީ.އެފްގެ ރިޔާސަތާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަނާއަށް މަރުޙަބާ ވިދާޅުވެ، މޫސުމީ ބަދަލުތަކުގެ ކަންތައްތަކުގައި ބަންގްލަދޭޝްއިން އަދާކުރާ ދައުރު ފާހަގަކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސީ.ވީ.އެފްގެ ތީމެޓިކް އެމްބެސެޑަރަކަށް ވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ، މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ރައީސް ނަޝީދު އަދާކުރައްވާ އިސް ދައުރުގެ ސަބަބުން ސީ.ވީ.އެފްގެ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބި، މޫސުމީ ބަދަލުތަކާ ދެކޮޅަށް އިތުރު މަސައްކަތް ކުރެވިގެންދާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތައް ވަކި އިމެއްގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި ކޮންމެ ޤައުމަކަންވެސް ޤައުމީ ފެންވަރެއްގައި ކަނޑައަޅާ މިންވަރު އިތުރަށް ހަރުދަނާކޮށް، ޖައްވު ހޫނުވުމަށް މަގުފަހިކުރުވާ ގޭސްތައް މަދުކޮށް ދުނިޔެ ހޫނުވުން 1.5 ޑިގްރީޒްއަށް ވުރެ މަތިނުވާނެހެން ހިފަހައްޓަވަން ޖެހޭކަމުގައި ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ މެމްބަރުންގެ މިމައްސަލައަށް ދޭ އަހައްމިއްޔަތުގެ ސަބަބުން މިޤައުމުތައް، ބައިނަލްއަޤްވާމީ މަސްރަޙުގައި ވަކިން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ.

އަންނަ އަހަރު ގްލާސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ޖެހެންދެން މިހާރު މި އޮތް ބާރުމިނުގައި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ. އަދި މިހާރަށްވުރެ ވަރުގަދަ އަޒުމެއްގައި މޫސުމަށް އަންނަބަދަލުތަކާއި ދެކޮޅަށް މަސައްކަތްކުރެވޭނީ، އެކަށީގެންވާ ދެމެހެއްޓެނިވި ގޮތެއްގައި އެކަމަށް ބޭނުންވާ ފައިސާ ހުރިހާ ޤައުމަކުންވެސް ލިބިގެން ކަމަށް ވިދާޅުވިއެވެ. އަދި، މޫސުމާ ގުޅިގެން އެންމެ ބޮޑަށް އަސަރުކުރާނެ ކުދި ޤައުމުތަކަށް މިފައިސާއިން ލިބޭ އެހީ މަދުމަކަށް މިނިސްޓަރގެ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅު ނިންނަމަވާލައްވަމުން ވަނީ ސީ.ވީ.އެފް އިން އަދާ ކުރާ ދައުރު އިތުރަށް ފުޅާވާނެ ކަމަށާއި، އަންނަން އޮތް ޖީލުތަކަށް ދިރިއުޅެވޭނެ ރައްކާތެރި ދުނިޔެއެއް ފޯރުކޮށްދިނުމަށް މި ފޯރަމުން މުހިންމު ދައުރެއް އަދާކުރާނެކަމަށް ވިދާޅުވެފައެވެ.

މިކަމަކީ، ފެހި، ނޫ އަދި ސާފު އިޤްތިޞާދަކާއި ދިމާލަށް އެޅޭ ފިޔަވަޅެއް ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ. މިފަހަރުގެ ސީ.ވީ.އެފް ލީޑަރސް އިވެންޓުގައި ޤައުމުތަކުގެ އިސްވެރިންނާއި، ވަޒީރުންގެ އިތުރުން، ކުރީގެ ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާ މި ފޯރަމްގެ ސަފީރުންގެ ގޮތުގައި ހިމެނޭ ބޭބޭފުޅުންގެ ވީޑިއޯ ތަޤްރީރުތަކާއި ބިނާކުރުވަނިވި ފާޑުކިޔުންތައް ފާހަގަކުރެވުނެވެ.

ކްލައިމެޓް ވަލްނަރަބްލް ފޯރަމް އުފެދިގެން އައީ ދިވެހިރާއްޖޭގެ އިސްނެގުމުގެ މަތިން 2009 ވަނަ އަހަރު ޑެންމާކްގެ ކޯޕެންހޭގަންގައި ބޭއްވި އ.ދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ މަހާސިންތާގެ (ކޮޕް 15) ތެރެއިންނެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ނާޒުކު ފައްތަރެއްގައި އޮތް 48 ޤައުމުގެ އަޑު އުފުލައި ބައިނަލްއަޤްވާމީ ދުނިޔޭގައި ގުގުމާލަދޭ ތަފާތު ފޯރަމެއްގެ ގޮތުގައި ސީ.ވީ.އެފް ފާހަގަކުރެވެއެވެ.