ދުނިޔޭގެ ވިޔަފާރި

އެއްގަމުގައި ބަހައްޓާ ޑޭޓާ ސެންޓަރުތަކަށްވުރެ ކަނޑުއަޑީގެ ޑޭޓާ ސެންޓަރުތަކުން ފައިދާ ބޮޑު


އެއްގަމު ޑޭޓާ ސެންޓަރުތައް ބެހެއްޓުމަށްވުރެ ކަނޑުއަޑީގައި ޑޭޓަރ ސެންޓަރުތައް ބެހެއްޓުމުން ލިބޭ ފައިދާ ބޮޑުކަމަށް މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި މައިކްރޮސޮފްޓުން ބުނެފިއެވެ.

މައިކްރޮސޮފްޓްއިން ދާދިފަހުން ވަނީ އެކުންފުނިން "ޕްރޮޖެކްޓް ނޭޓިކް"ގެ ދަށުން ކަނޑު ފައްތާފައިވާ ކަނޑުއަޑީގެ ޑޭޓަރ ސެންޓަރުތައް ނަގާފައެވެ.

މައިކްރޮސޮފްޓްއިން "ޕްރޮޖެކްޓް ނޭޓިކް"ގެ ނަމުގައި މީގެ 2 އަހަރު ކުރިން ފެށި ތަޙުލީލީ ޕްރޮޖެކްޓަކީ ކަނޑު އަޑީގެ ޑޭޓާ ސެންޓަރުތައް ދެމެހެއްޓެނިވިގޮތެއްގައި ބޭނުންކުރެވިދާނެތޯ ބެލުމަށް ފެށި ޕްރޮޖެކްޓެކެވެ. މި ޕްރޮޖްކްޓްގެ އިންކިއުބޭޝަންގެ 2 އަހަރު ނިންމުމަށް ފަހު ވަނީ ކަނޑުފެއްތި ޑޭޓާ ސެންޓަރުތައް އަލުން މައްޗަށް ނަގާ މި ޑޭޓާ ސެންޓަރުތަކުގެ ޙާލަތު ބަލާފައެވެ. އެގޮތުން ގިނަ އަދަދެއްގެ ޑޭޓާ ސޭވްކޮށްފައިވާ ކޮމްޕިއުޓަރ ސިސްޓަމްތައް، ދަބަރުނުޖަހާ ކޮންޓެއިނަރަކަށް ލާ ކަނޑުފެއްތުމުން ސިސްޓަމްތަކަށް އެއްވެސް އަސަރެއް ނުކުރާކަން މި ޓީމުން ފާހަގަކުރެއެވެ. އެގޮތުން މީގެ ކުރިން ކަނޑުފެއްތުމުން ސިސްޓަމްގެ ހިންގުން ލަސްވާނެކަމަށް ބެލެވުނަަސް މި ތަހުލީލުން ސިސްޓަމްތަކުގެ ސްޕީޑަށް ބަދަލެއް އައިސްފައިނުވާކަން ވަނީ ހާމަވެފައެވެ.

މީގެ އިތުރުން ކަނޑުއަޑީގެ ޑޭޓަރ ސެންޓަރުތައް އެއްގަމު ޑޭޓާ ސެންޓަރުތަކަށްވުރެ އެތައް ގޮތަކުން ފައިދާ ބޮޑުކަން މި ތަޙުލީލުން ވަނީ ހާމަވެފައެވެ. އެގޮތުން މި ޑޭޓާ ސެންޓަރުތަކުގެ ސަރވާތަކާއި ކޫލިންގް ސިސްޓަމްތައް ހިންގުމަށް ދާ ޚަރަދުކުޑަކަން ވަނީ ހާމަވެފައެވެ. އެއްގަމު ޑޭޓާ ސެންޓަރުތަކުގެ ސަރވާރތަކާއި ކޫލިންގް ސިސްޓަމްތައް ހިނގުމަށް އަހަރެއްގެ މައްޗަށް 4 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވެއެވެ. އަދި މި ޑޭޓާ ސެންޓަރުތައް ހިންގުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންނުކުރެވޭކަމަށް މައިކްރޮސޮފްޓްގެ ޓީމުން ވަނީ ބުނެފައެވެ. އެހެންނަމަވެސް "ޕްރޮޖެކްޓް ނޭޓިކް" ކުރިއަށްގެންދިޔަ ސްކޮޓްލޭންޑްގެ އޯކްނީ އައިލެންޑްސްއަކީ ސައްތައިން ސައްތަ އަވިންނާއި ވައިން ހަކަތަ އުފައްދާ ސަރަހައްދަކަށްވާއިރު، ކަނޑުއަޑީގެ ޑޭޓަރ ސެންޓަރުތަކަށް މި ހަކަތައިން ފުދޭކަން ވަނީ މި ތަޙުލީލުން ހާމަވެފައެވެ.

މައިކްރޮސޮފްޓުން ވަނީ މި އައު ހޯދުމުގެ ސަބަބުން އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކްލައުޑާއި ޑޭޓާގެ ޚިދުމަތް ފަސޭހައިން ލިބޭނެކަމަށް އުންމީދުކުރާކަމަށް ބުނެފައެވެ. އަދި މި ހޯދުމަކީ މި ދާއިރާގެ ކުރިއެރުން އެތައް ގުނައަކުން އަވަސްކޮށްދީ އިންޤިލާބީ ބޮޑެތި ބަދަލުތަކެއް ގެނުވާނެކަމެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ދުނިޔޭގެ އާބާދީގެ 40 އިންސައްތައަށްވުރެ ބޮޑު އާބާދީއެއް އައްސޭރިފަށުގެ ސަަރަހައްދުތަކުގައި ދިރިއުޅޭއިރު އެ ފަރާތްތަކަށް ޒަމާނީ އަވަސް ޚިދުމަތްތައް ލިބުމުގައި ޒަމާނުއްސުރެ ބޮޑެތި ތަކުލީފުތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. އެހެންނަމަވެސް، ކަނޑުއަޑީގެ ޑޭޓަރ ސެންޓަރުތަކުން މިކަމަށް އެދެވޭ ހައްލެއް ލިބޭނެކަމަށް ކަމުގެ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ރާއްޖޭގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލްވެސް ވަނީ ރާއްޖޭގައި ކަނޑު އަޑީގެ ޑޭޓާ ސެންޓަރެއް ޤާއިމުކުރުމުގެ ދޮރު ހުޅުވާލާފައިވާ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ މަލީހު ވިދާޅުވީ މިކަން ކުރުމަށްޓަކައި ބައިނަލްއަޤްވާމީ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކާއި، ޓެކްނޮލޮޖީ ކުންފުނިތަކަށް ދައުވަތު ދީފައިވާކަމަށެވެ.

މިނިސްޓަރ މަލީހު ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ ސަބްމެރިން ކޭބަލްތަކުގެ ޑައިވަރސިޓީ އިތުރުކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ. ކަނޑުގެ މަގަށް ބަލާކަމުގައި ވާނަމަ ދިވެހިރާއްޖޭ އޮތީ އެންމެ މުހިއްމު ޝިޕިން ރޫޓްގައި ކަމަށާއި ރާއްޖޭގެ ކަނޑު އަޑީގެ ސީބެޑް ހުރިގޮތުން ކަނޑު އަޑީގައި ޑޭޓާ ސެންޓަރުތަކެއް ގާއިމުކުރުމުގެ ރިސާޗް އަށް އެންމެ ކަމުދާ ގައުމަކީ ރާއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރުވެސް ދިވެހިރާއްޖެއަކީ ކަނޑުއަޑީގެ ކޮޓަރިތަކާއި، ރެސްޓޯރެންޓުތައް ހުރި ޤައުމަކަށް ވެފައި ދިވެހިރާއްޖޭގައި ކަނޑު އަޑީގެ ޑޭޓާ ސެންޓަރެއް ޤާއިމުކުރުމުގެ ދޮރުވެސް ވަނީ ހުޅުވާލެވިފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.