ކޯވިޑް-19

ކޯވިޑް-19 : އެސް.ޓީ.އޯއިން ފުލުހުންނަށް 3000 ސޭފްޓީ ގޮގްލްސް ހަދިޔާކޮށްފި


ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)އިން ފުލުހުންނަށް 3000 ސޭފްޓީ ގޮގްލްސް ހަދިޔާކޮށްފިއެވެ.

އެސް.ޓީ.އޯގެ ފަރާތުން މި ސޭފްޓީ ގޮގްލްސްތައް ފުލުހުންނަށް ހަދިޔާކޮށްދެއްވީ އެކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރެވެ. އަދި ފުލުހުންގެ ފަރާތުން މިތަކެއްޗާ ޙަވާލުވެވަޑައިގަތީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.

ފުލުހުންނަށް ހަދިޔާކުރި މި 3000 ސޭފްޓީ ގޮގްލްސްއަކީ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް، ޕީ.ޕީ.އީއާއެކު ބޭނުންކުރެވިދާނެ ގޮގްލްސްތަކެއްކަމަށް އެސް.ޓީ.އޯއިން ވިދާޅުވެފައިވެއެވެ. އަދި މިތަކެއްޗާއެކު ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެވިގެންދާނެކަމަށް އެކުންފުނިން ފާހަގަކުރައްވާފައިވެއެވެ.

ކޯވިޑް-19އާ ދެކޮޅަށް ފުލުހުންގެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކުގައި ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން އެސް.ޓީ.އޯއިން ވަނީ މިިދިޔަ އޯގަސްޓްމަހު ފުލުހުންގެ ލެބޯޓްރީއަށް ކޯވިޑް-19އަށް ޓެސްޓްކުރުމަށް ބޭނުންކުރާނެ ޕީ.ސީ.އާރް މެޝިނެއްވެސް ހަދިޔާކޮށްފައެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށި ހިސާބުން، އެ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރާ މަސައްކަތްތަކުގައި ފުލުހުންގެ މުއައްސަސާއިން އަންނަނީ ކުރީ ސަފުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ. އެގޮތުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތަށް އާއްމު ޙިދުމަތްދޭ ތަންތަނުން ހިދުމަތްދޭތޯ ބެލުމާއި، ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތުގައިވެސް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.