ކޯވިޑް-19

ކޯވިޑް-19 : އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ދިގު ރާސްތާ ޕްލޭންތަކެއް ވަނީ ހަދާފައި - މިނިސްޓަރ ޝާހިދު


ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަނެ، އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ބޭނުންވާ ދިގު ރާސްތާ ޕްލޭންތައް ހަދާފައިވާ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ އދ.ގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށްދިޔަ ހޮރަސިސް އެކްސްޓްރާ އޯޑިނަރީ މީޓިންގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

"ޕޮޓެންޝަލް ފޮރ ސައުތު އޭޝިއާ" މި މައުޟޫޢުގެ ދަށުން ވަރޗުއަލްކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން ޤައުމުތަކުގެ މެދުގައި އަދި ޤައުމުތަކުގެ ތެރޭގައި ހަމަހަމަކަން ނެތް ބައެއް ކަންތައްތައް ހާމަވެއްޖެކަމަށެވެ. އަދި ދެކުނު އޭޝިއާ ސަރަހައްދަށް ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދުރާލާ ފިޔަވަޅުތަކެއް އެޅިނަމަވެސް، ރާއްޖޭގެ އިޤްތިޞާދަށް ކޯވިޑް-19ގެ ސަބަބުން މިވަރުގެ ލޮޅުމެއް އައިސްފައިވަނީ ހަމައެކަނި ފަތުރުވެރިކަމަށް ޤައުމުގެ އިޤްތިޞާދު ބަރޯސާވެފައި އޮތުމުންކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައި، އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ދިގު ރާސްތާ ޕްލޭންތަކެއް ހަދާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި ޕްލޭންތަކުގެ ތެރޭގައި އިޤްތިޞާދު ސިންދަފާތުކޮށް، ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނައުން ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝްފަދަ އަވަށްޓެރި ޤައުމުތަކުން މާލީ އެހީއާއި، ލޯނާއި ތަކެތީގެ އެހީ ފޯރުކޮށްދީ، ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި މެދުކެނޑުމެއް ނެތި ލިބޭނެ މަގު ފަހިކޮށްދީފައިވާތީ، އެޤައުމުތަކަށް މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގެންފައިވާނީ ނޭޕާލުގެ ޚާރިޖީ ވަޒީރު ޕްރަދީޕް ކުމާރް ގްޔަވާލީ އާއި، ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް ޝަރިއާރް އާލަމް އާއި، އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރޯޑް، ޓްރާންސްޕޯޓް އެންޑް ހައިވޭސް ވީ.ކޭ ސިންހްއެވެ. ބައްދަލުވުން މޮޑަރޭޓްކޮށްދެއްވީ ޗައުދަރީ ގްރޫޕް ގްލޯބަލްގެ ޗެއަރމަން ބިނޯދް ޗައުދަރީއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޝާހިދު ވަނީ ދެކުނު އޭޝިއާގެ ސަރަހައްދީ އެއްބާރުލުމާ ބެހޭ ޖަމްއިއްޔާ، ސާކުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ގޮވާލައްވާފައެވެ. އަދި ސަރަހައްދީ އެއްބާރުލުމުގެ ފުރިހަމަ ނަތީޖާ ނެރުމަށްޓަކައި ޤައުމުތަކުގެ މެދުގައި ވިޔަފާރިއާއި ދަތުރުފަތުރު އިތުރަށް ފުޅާކުރަން ޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމައެއާއެކު، އިންޓަރނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީ އެންމެންނަށް ފޯރުކޮށްދިނުމުގެ މުހިއްމުކަން ކޯވިޑް-19 ޕެންޑެމިކްގެ ސަބަބުން ހާމަވެގެން ހިނގައްޖެކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ހޮރަސިސް އަކީ ސްވިޓްޒަލެންޑްގެ ޒިއުރިކްގައި ޤާއިމްކޮށްފައިވާ ބައިނަލްއަޤްވާމީ ތިންކް ޓޭންކެކެވެ. 2005 ވަނަ އަހަރު މި ތިންކް ޓޭންކް ޤާއިމްކުރެއްވީ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ކުރީގެ ޑައިރެކްޓަރ ފްރޭންކް ޖަރގަން ރިކްޓަރއެވެ. އދގެ އާއްމު މަޖިލީހުގެ ހާވާސާގައި ބާއްވާ ގިނަ ބައްދަލުވުންތަކެކޭ އެއްފަދައިން މި ބައްދަލުވުންވެސް ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ.