ކޯވިޑް-19

ކޯވިޑް-19 : އިންސްޕެކްޓް ނުކުރާ ތަންތަނުގައި އަމިއްލައަށް ސްޓިކަރ ޖަހާކަން ވަނީ ފާހަގަކުރެވިފައި - އެޗް.އީ.އޯ.ސީ


އާއްމު ޙިދުމަތްދޭ ތަންތަނުގެ ތެރެއިން އެޗް.ޕީ.އޭއިން އިންސްޕެކްޓް ނުކުރާ ތަންތަނުގައި، ގައިޑްލައިންތަކާ އެއްގޮތަށް ޚިދުމަތްދޭ ތަންތަންކަން ދެއްކުމުގެ ގޮތުން އަމިއްލައަށް ސްޓިކަރ ހަދައިގެން ތަތްކުރާކަން ފާހަގަކުރެވިފައިވާކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، އެޗް.ޕީ.އޭއިން އިންސްޕެކްޓް ކުރުމަށްފަހު ގައިޑްލައިން އާ އެއްގޮތަށް ހުރި ތަންތަނަށް ދޭ ސްޓިކާއާ އެއްގޮތް ސްޓިކާތައް ހަދައި، އިންސްޕެކްޓް ނުކުރަނީސް ބައެއް ތަންތަނުގައި ތަތްކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އެފަދަ 2 ތަނެއް މިހާތަނަށް ފާހަގަކުރެވިފައިވާކަމަށާއި، އެތަންތަނުގައި އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަންކަން ހުރިނަމަވެސް، ސައްޙަ ނޫން ލިޔުމެއް ބޭނުންކޮށްފައިވާތީ، ފިޔަވަޅު އަޅާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އެތަންތަނުގައި ހަޤީޤަތުގައި ހަމަ ގައިޑްލައިންއާ އެއްގޮތަށް ހުރި ކަމުގައި ވިޔަސް އަޅުގަނޑުމެންނަށް އެބަ ޖެހޭ ފިޔަވަޅު އަޅަން. އަޅުގަނޑުމެން ދޫނުކުރާ ލިޔުމެއް އެބޭފުޅުން އެގޮތަށް ބޭނުންކުރެއްވީތީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ގައިޑްލައިނާ އެއްގޮތަށް ކަންކަން ހުރި ނަމަވެސް، އިންސްޕެކްޝަން ނިމި ސްޓިކަރ ދިނުމުން، ބައެއް ފަރާތްތަކުން ގައިޑްލައިންގައި ހިމަނާފައިވާކަންކަމަށް ފަރުވާކުޑަކުރާކަންވެސް ފާހަގަކުރެވިފައިވާކަމަށެވެ. އަދި މި ގައިޑްލައިންތަކަކީ ހުރިހާ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށް ހަދާފައިވާ ގައިޑްލައިންތަކަކަށްވާއިރު، އެ އުސޫލުތައް ދަމަހައްޓަންވާނީ އިންސްޕެކްޓް ކުރާ ވަގުތުތަކުގައި އެކަނި ނޫންކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އާއްމު ޙިދުމަތްދޭ ތަންތަނުގައި ކޯވިޑް-19އިން ރައްކާތެރިވުމަށް އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތައް ތަންފީޒުކުރާ މިންވަރު ބެލުމަށް ސިލްސިލާގޮތެއްގައި ކުރިއަށްގެންދާ މާސް އިންސްޕެކްޝަންގެ 4 ވަނަ ބުރު ފަށާފައިވަނީ ސެޕްޓެމްބަރުމަހުގެ 20 ވަނަ ދުވަހުއެވެ. މި އިންސްޕެކްޝަނުގައި އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ޢަމަލުނުކުރާ ތަންތަނާމެދު، އެޗްޕީއޭގެ އުސޫލުތަކުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން އުސޫލާ ޚިލާފުވާ ފުރަތަމަ ފަހަރު 48 ގަޑިއިރަށް ތަން ބަންދުކުރާނެއެވެ. އަދި އުސޫލާ ޚިލާފުވާ 2 ވަނަ ފަހަރު 1000 ރުފިޔާއިން ޖޫރިމަނާކޮށް 3 ދުވަހަށް އެތަނެއް ބަންދުކުރާނެއެވެ. އުސޫލާއި ޚިލާފައިވާ 3 ވަނަ ފަހަރު 1000 ރުފިޔާއިން ޖޫރިމަނާކޮށް އެތަނެއް 5 ދުވަހަށް ބަންދުކުރާނެއެވެ.