ކޯވިޑް-19

ކޯވިޑް-19 : ކުޅުދުއްފުށްޓާއި ނޮޅިވަރަމް މޮނީޓަރިންގެ ހާލަތުން ނަގައިފި


ހދ. ކުޅުދުއްފުށްޓާއި ހދ. ނޮޅިވަރަމް މޮނީޓަރިންގެ ހާލަތުން ނަގައިފިއެވެ.

މާލެއާއި ކުޅުދުއްފުއްޓާއި ދެމެދު ދަތުރުކުރާ ފާޅު ބޯޓުގެ ކެޕްޓަން ކޯވިޑް-19އަށް ޕޮޒިޓިވްވުމާގުޅިގެން ކުޅުދުއްފުށްޓާއި، ނޮޅިވަރަމް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. މި 2 ރަށް މޮނިޓަރިންގެ ޙާލަތުން ނަގާފައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމުގެގޮތުން ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުންކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ.

ކުޅުދުއްފުށީ ފާޅު ބޯޓުގެ ކެޕްޓަންގެ ކިބައިން، ކޯވިޑް-19ގެ އަލާމަތްތައް ފެނި އޭނާ ޓެސްޓް ކުރި އިރު ބައްޔަށް ޕޮޒިޓިވްވެފައިވާތީ، އެ ބޯޓުގެ 11 ފަޅުވެރިންނާއި، އެމީހުންނާއި ބައްދަލުވެފައިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހަދައި، މިހާތަނަށް 29 މީހުންގެ ސާމްޕަލް ނަގައި ޓެސްޓްކޮށްފައި ވާއިރު، އޭގެ ތެރެއިން، ޕޮޒިޓިވްވެފައި ވަނީ 4 މީހެކެވެ.

އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ކުޅުދުއްފުށިން މިހާތަނަށް 5 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެނިފައިވާ 3 މީހަކާއި، ފުރަބަންދު ކަރަންޓީނުގައި ހުރި އެކެއްގެ އިތުރުން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ އެކަކު ހިމެނެއެވެ.

ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ 22 ރަށަކުންނާއި 23 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވެއެވެ.