ކޯވިޑް-19

ކޯވިޑް-19 : މާސްކް ނޭޅުމާއި، މަނާގަޑީގައި ބޭރުގައި އުޅެގެން 4700 އަށްވުރެ ގިނަ މީހުން ވަނީ ޖޫރިމަނާކޮށްފައި


މަގުމައްޗަށް ނުކުމެ އުޅޭއިރު މާސްކް ނޭޅުމާއި، ކާފިއު ގަޑިތަކުގައި މަގުމަތީގައި އުޅެގެން 4700 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައި ވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ހެޑް އޮފް މާލޭ ސިޓީ ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން އެޗް.ޕީ.އޭއިން އަންގާފައިވާ އެންގުންތަކާ ޚިލާފުވާ މީހުންގެ ޢަދަދު އިތުރުވާން ފަށާފައިވާކަމަށެވެ. އެގޮތުން ކާފިއު ގަޑިތަކުގައި މަގުމަތީގައި އުޅޭ ދިވެހިންނާއި ބިދޭސީންގެ އަދަދުވެސް އިތުރުވެފައިވާކަމަށާއި، އެ ގަޑިތަކުގައި ވެހިކަލް ދުއްވާ ނިސްބަތްވެސް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން މަގުމައްޗަށް މާސްކް ނާޅާ ނުކުތް 3877 މީހަކަށް ނަސޭޙަތްދީފައިވާއިރު، މާސްކް ނާޅާ ނުކުތް 1798 މީހަކު މިހާތަނަށް ޖޫރިމަނާކޮށްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މަގުމައްޗަށް ނުކުމެ އުޅުން މަނާ ވަގުތުގައި ނުކުތް 4833 މީހަކަށް ނަސޭޙަތްދީ، 2195 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. ހަމައެހެންމެ ވެހިކަލް ދުއްވުން މަނާ ގަޑީގައި، ވެހިކަލުގައި ބޭރުގައި އުޅުނު 4321 މީހަކަށް ނަޞޭޙަތްދީ 781 މީހަކު ޖޫރިމަނާކޮށްފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެޗް.ޕީ.އޭގެ އެންގުންތައް ތަންފީޒުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު ކަންކަމާގުޅޭގޮތުން ޝަރީފް ވިދާޅުވީ، ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތައް ބަންދުކުރަން އަންގާފައިވާ ގަޑީގެ ފަހުންވެސް އޯޑަރުތައް ނަގައިގެން ޑެލިވަރީގެ ޚިދުމަތް ބައެއް ފަރާތްތަކުން ދޭކަން އަދިވެސް ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެކަމުގައި ދިވެހިންނާއި ބިދޭސީންވެސް ހަރަކާތްތެރިވާކަމަށާއި، ޑެލިވަރީގެ ޙިދުމަތުގައި އުޅޭ މީހުންގެ އަތުގައި ޑްރައިވިންގ ލައިސެންސް ނޯންނަކަންވެސް ފަހަކަށް އައިސް ފާހަގަކުރެވިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

"ރޭގަނޑު 9:30ގެ ފަހުން ހުރިިހާ ހޮޓާ ކެފޭ ރެސްޓޯރެންޓްތައް ބަންދުކުރަން މި އޮންނަނީ އަންގާފައި. އެހެންނަމަވެސް އަނެއްކާވެސް އެތަންތަން ހުޅުވައިގެން ޚިދުމަތްދޭ ޢަދަދު އިތުރުވަމުން އަންނަކަން ފާހަގަކުރެވޭ. މިކަން މިގޮތަށް ނުކުރުމަށް ހުރިހާ ފަރާތްތަކަކަށްވެސް އިލްތިމާސްކުރަން. ހަމައެއާއެއްކޮށް މަނާ ގަޑިތަކުގައި ޑެލިވަރީގެ ޚިދުމަތްވެސް ވަރަށް ގިނައިން ދެމުން އަންނަކަން ފާހަގަކޮށްލަން. ޙާއްސަކޮށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އެކަން ކުރާ ބަޔަކުވެސް އެބައުޅޭ" ޝަރީފް ވިދާޅުވިއެވެ.

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، ޝިފްޓް ޑިއުޓީގައި މަސައްކަތްކުރާ އޮފީސްތަކުގެ މުވައްޒަފުންނަށް ކާފިއު ގަޑިތަކުގައި ދީފައި އޮންނަ ހުއްދައިގެ ބޭނުން ނާޖާއިޒްގޮތުގައި ބައެއް ފަރާތްތަކުން ހިފުމާއި، ކަސްރަތު ކުރަން ނުކުންނަ ބައެއް ފަރާތްތަކުންވެސް ކާފިއު ގަޑިތަކުގައި މަގުމަތީގައި އުޅޭކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމެއްނެތި ގިނަ ބަޔަކު ބައިވެރިވާގޮތަށް ސްވިމިންގ ކްލާސްތަކާއި، ސެލްފް ޑިފެންސް ކްލާސްތައްވެސް ބައެއް ފަރާތްތަކުން ހިންގަމުންދާކަން ފާހަގަކުރެވިފައިވާކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް ޝަރީފް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިފަހަކަށް އައިސް ދަށްވާން ފަށާފައިވީނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހުރިހާ ފަރާތްތަކުންވެސް އިޙްތިރާމްކޮށް، އެއާ އެއްގޮތަށް ޢަމަލުކުރުން ވަރަށް މުހިއްމުކަމަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވަނީ ވިދާޅުވެފައެވެ.