ޚަބަރު

ބީޗު ވޮލީ ޓީމަށް ފުރަތަމަ މެޗު ގެއްލިއްޖެ


  • މިއީ މިހާތަނަށް އޭޝިއަން ގޭމްސްގައި ވާދަކުރި އެންމެ ވަރުގަދަ ޕެއާކަމަށް އަރީޝާވަނީ ބުނެފައި

  • ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ފިރިހެން ޕެއާ މާދަމާ ނުކުންނާނީ ޖަޕާނާ ދެކޮޅަށް

20 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާ ރާއްޖޭގެ ޤައުމީ އަންހެން ބީޗުވޮލީ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

މިމެޗުން ރާއްޖެ ބަލިވީ ފިލިޕީންސްއާ ވާދަކޮށް، 2-0 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ރާއްޖޭގެ އަންހެން ޕެއާ އާމިނަތު އަރީޝާ އަދި ފާތުމަތު އަނާލްގެ މައްޗަށް ފިލިޕީންސްގެ ޕެއާކަމަށްވާ ކައިލަމް ހާލް އަދި ސޯފިއާ ޝަނީން ކުރި ހޯދާފައިވަނީ 21-06 އަދި 21-11 އިންނެވެ.

ނަގޯޔާގެ ހެކިނަން ރިޔޮކުޗީ ބީޗު ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓު ފިލިޕީންސްގެ ޕެއާ ފަސޭހައިން ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓުގައި ރާއްޖޭގެ ޕެއާ އިން ވަނީ ރަނގަޅުކުޅުމެއް ދައްކާފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން އަރީޝާ ބުނީ މިއީ މިހާތަނަށް ބީޗު ވޮލީގައި ވާދަކުރަންޖެހުނު އެންމެ ވަރުގަދަ ޕެއާކަމަށެވެ.

ބީޗުވޮލީގެ ޕްރިލިމިނަރީ ބުރުގައި މާދަމާ ރާއްޖޭގެ ފިރިހެން ޕެއާ ނުކުންނާނީ މުބާރާތް ބާއްވާ ޤައުމު ޖަޕާނާ ދެކޮޅަށެވެ. މެޗު އޮންނާނީ ރާއްޖެގަޑިން ހެނދުނު 10:00 ސެންޓަރ ކޯޓުގައިއެވެ.