ކޯވިޑް-19

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 31 މީހުން، ރަނގަޅުވީ 81 މީހުން


ރާއްޖެއިން އިތުރު 31 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ހުކުރު ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00 ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 26 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން 5 މީހުން ޕޮޒިޓިވްވެފައިވާކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 25 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 06 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 10،045 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 81 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 8754 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 27 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 34 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1300 އަށް އަރާފައިވާއިރު 796 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 82 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާމީހުންނަށް ބަލާއިރު، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި 2 މީހަކަށް އައި.ސީ.ޔޫގައި ފަރުވާދެމުންދާއިރު، އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެކަކަށް އައި.ސީ.ޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންދާކަމަށާއި، 79 މީހަކަށް ވޯޑުގައި ފަރުވާދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ގއ. ވިލިނގިލީގައި 3 މީހަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1264 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް 147،681 ސާމްޕަލް ވަނީ ނަގާފައެވެ.