ޚަބަރު

އައްޑޫއިން ސާރވައިލެންސް ސާމްޕަލް ނަގަން ފަށައިފި


އައްޑޫ ސިޓީގައި ކޯވިޑް-19 އޮތްތޯ ބެލުމަށް ސާރވައިލެންސް ސާމްޕަލް ނަގަން ފަށައިފިއެވެ.

މި ސާމްޕަލްތައް ނަގަން ފަށާފައިވަނީ މިއަދު ހެނދުނު 8:30 ގައެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ އެ ސިޓީން ސާމްޕަލްތައް ނެގުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާކަމަށެވެ.

މިއީ ކޯވިޑް-19 ރާއްޖޭގެ ސަރަހައްދުތަކުގައި އޮތްމިންވަރު ދެނެގަތުމަށް، ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ސާމްޕަލް ނަގައި ޓެސްޓް ކުރަން ހަމަޖެއްސުމާ ގުޅިގެން އައްޑޫސިޓީއަށް ޚާއްޞަކޮށްގެން ނަގާ ސާމްޕަލް ކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

އެހޮސްޕިޓަލުން ވިދާޅުވީ، 2 ދުވަހުގެ ތެރޭގައި އައްޑޫގެ އެކި އަވަށްތަކުން 200 އަށް ވުރެ ގިނަ ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އައްޑޫގައި މިހާތަނަށް ސަރވައިލަންސް ސާމްޕަލްތަކެއް ނަގާފައެއް ނުވެއެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ކޯވިޑް-19 އަށް ޓެސްޓު ކުރަން ފެށި ފަހުން މިހާތަނަށް ހޮސްޕިޓަލުން މުޅީންހެން ޓެސްޓު ކުރަމުން އައީ ހޯމް ކަރަންޓީންގައި ތިބޭމީހުންގެ ގައިން ނަގާ ސާމްޕަލްތަކެވެ. އެގޮތުން މިހާތަނަށް 1200 އަށް ވުރެ ގިނަ ޓެސްޓު ހަދާފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

މިހާތަނަށް އައްޑޫން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ މާލެއިން އެސިޓީއަށް ގޮސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. ދެން އެ ބައްޔަށް ޕޮޒިޓިވްވީ އެމީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުންނެވެ. އެގޮތުން އައްޑޫސިޓީން ޖުމްލަ 14 މީހަކު މިހާތަނަށް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.