ކޯވިޑް-19

ޕޮޒިޓިވްވާ ދަރިވަރުންނާއި ކަރަންޓީނަށްދާންޖެހޭ ދަރިވަރުންނަށް އޭ ލެވެލް އިމްތިހާނު ހެދޭނެ އިންތިޒާމް ހަމަޖައްސަނީ


އޭ ލެވެލް އިމްތިހާނުގައި މިއަހަރު ބައިވެރިވާ ދަރިވަރުންގެ ތެރެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ ދަރިވަރުންނާއި، ޑައިރެކްޓް ކޮންޓެކްޓްވެގެން ކަރަންޓީނަށްދާންޖެހޭ ދަރިވަރުންނަށްވެސް އިމްތިހާނުގައި ބައިވެރިވެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިހުސާން ވިދާޅުވީ، އޭ ލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ، އެޗް.ޕީ.އޭއާއި، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއި، އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން އެކުލަވާލަންޖެހޭ ގައިޑްލައިންތަކާއި، އެސް.އޯ.ޕީތައް މިހާރު ތައްޔާރުކޮށްފައިވާކަމަށެވެ.

އެގޮތުން އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ ދަރިވަރުންނާއި، ޑައިރެކްޓް ކޮންޓެކްޓްވާ ދަރިވަރުންނަށްވެސް އެހެން ދަރިވަރުންނާއި ވަކިން އިމްތިހާނު ހެދުމަށް ޚާއްސަ ހޯލްތަކެއް މާލެއާއި އަތޮޅުތަކުގެ ސެންޓަރުތަކުގައި ހަމަޖައްސާފައިވާކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އެ ހޯލްތަކަކީ އިމްތިހާނު ހެދުމަށް އާއްމުކޮށް ބޭނުންކުރާ ހޯލްތަކާއި ޚިލާފަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް އަޅާ، ބަލަމުންދާނެ ހޯލުތަކެއްކަމަށް އިހުސާން ވިދާޅުވިއެވެ.

އިމްތިހާނުގެ ކަންކަން ކުރިއަށްގެންދިއުމުގައި ޖުމްލަގޮތެއްގައި ޢަމަލުކުރާނީ ކޯވިޑް-19ގެ ޙާލަތުގައި ސްކޫލުތަކުގައި މިހާރުވެސް ޢަމަލުކުރާ އުޞޫލުން މާސްކް އެޅުމާއި، ހުން ބެލުމާއި، އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުންފަދަ ފިޔަވަޅުތަކާއެކުކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އަތޮޅުތަކުގެ ސެންޓަރުތަކަށްވުރެ މާލޭގެ ސެންޓަރުތަކުގައި އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ޢަދަދު ގިނަވުމުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށްޓަކާ އެ ސެންޓަރަކާއި ކައިރީގައި ހުރި އެހެން ސްކޫލްތައްވެސް ހޯލްތަކުގެ ގޮތުގައި ބޭނުންކުރާނެކަމަށް އިހުސާން ވިދާޅުވިއެވެ.

"މާލޭގައި އިމްތިހާނު ކުރިއަށްދާ 4 ސެންޓަރަށް ބަލާއިރު، ސީ.އެޗް.އެސް.ސީން އެކަނިވެސް 470 އަށްވުރެ ގިނަ ކުދިން އެބަ ބައިވެރިވޭ. އެހެންވީމަ އަޅުގަނޑުމެން އިމްތިހާން ހޯލްތަކުގެ ގޮތުގައި ހަމައެކަނި ސީ.އެޗް.އެސް.ސީ ބޭނުންކުރުމުގެ ބަދަލުގައި އެ ސަރަޙައްދުގައި ހުރި އަމީނިއްޔާ ސްކޫލާއި، އިސްކަންދަރު ސްކޫލާއި އަރަބިއްޔާ ސްކޫލުވެސް ބޭނުންކުރާނެ. ބޭނުމަކީ އެއްކުއްޖަކު އަނެއްކުއްޖަކާ ބައްދަލުވާ ބައްދަލުވުން ވީހާވެސް މަދުކުރުން. މާލޭގެ ދެން ހުރި ސެންޓަރުތަކަށްވެސް އެފުރުޞަތުދެވޭނެ" އިހުސާން ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިހުސާން ވިދާޅުވީ، އޭ ލެވެލް އިމްތިހާނަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިނިސްޓްރީން ވަމުންދާކަމަށެވެ. އެގޮތުން މިހާތަނަށް ޗީފް އިންވިޖިލޭޓަރުން ތަމްރީން ނުކުރެވި ހުރި ރަށްރަށުގައިވެސް އިންވިޖިލޭޓަރުން ތަމްރީންކޮށް ކޮންމެ ސެންޓަރަކަށް މަދުވެގެން 2 އޮފިޝަލުން ތައްޔާރުކޮށްފައިވާކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ސުވާލު ކަރުދާސްތައްވެސް މިހާރު ޑީ.ޕީ.އީއަށް ލިބިފައިވާކަމަށާއި، ސެންޓަރުތަކަށް އިމްތިހާން ކަރުދާސްތައް ފޮނުވުމުގެ މަސައްކަތްވެސް ކުރިއަށްއޮތް ހަފްތާ ބަންދުގައި ފަށާނެކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

"ސުވާލު ކަރުދާސްތައް އިމްތިހާން ސެންޓަރުތަކަށް ފޮނުވުމުގެ މަސައްކަތް މިމަހުގެ 26 ގައި ފަށާނެ. އަދި މި ބަލަނީ މިމަހުގެ 30ގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް. ފުލުހުންނާއި އެ ރަށެއްގެ ކައުންސިލުގެ އެހީތެރިކަމާއެކު އަޅުގަނޑުމެން މިކަން ކުރާނީ" އިހުސާން ވިދާޅުވިއެވެ.

މިއަހަރުގެ އެޑެކްސެލް އޭ ލެވެލް އިމްތިހާން ހަދާ ދަރިވަރުން، އެ ދަރިވަރަކު އިމްތިހާން ހެދުމަށް ހަމަޖެހިފައިވާ ސެންޓަރު ހުރި ރަށް ނޫން އެހެން ރަށެއްގައި ހުރިނަމަ، މި މަހުގެ 27ގެ ކުރިން އިމްތިހާން ހެދުމަށް ހަމަޖެހިފައިވާ ސެންޓަރު ހުރި ރަށަކަށް ދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަހަރުގެ އޭ ލެވެލް އިމްތިހާނުގައި ރާއްޖެއިން 1529 ދަރިވަރުން ބައިވެރިވާނެއެވެ. މީގެތެރޭގައި ސްކޫލްތަކުން ބައިވެރިވާ 1435 ދަރިވަރުންނާއި، އަމިއްލަގޮތުން ބައިވެރިވާ 94 ދަރިވަރުން ހިމެނެއެވެ. އިމްތިހާން ކުރިއަށްދާނީ މާލޭގެ 4 ސެންޓަރާއި، އަތޮޅުތަކުގެ 33 ސެންޓަރެއްގައެވެ. މި އިމްތިހާން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގައެވެ.