ޚަބަރު

ޗައިނާގެ ޝެންޖެންއިން ރާއްޖެއައި ފުރަތަމަ ފްލައިޓްގައި 140 އަށްވުރެ ގިނަ ފަތުރުވެރިން


  • ޝެންޖެންއަށް ފަށާފައިވަނީ ސީޒަނަލް ދަތުރުތަކެއް

  • އޮގަސްޓްމަހުގެ 21 ވަނަ ދުވަހާއި ހަމައަށް ހަފްތާއަކު 1 ދަތުރުކުރާނެ

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ ޝެންޖެންއަށް ފަށައިފިއެވެ. ފުރަތަމަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައިވަނީ މިއަދު ހެނދުނުއެވެ.

މޯލްޑިވިއަނުން ޗައިނާގެ ޝެންޖެންއަށް ކުރި ފުރަތަމަ ފްލައިޓްގައި 146 ފަތުރުވެރިން ވަނީ އައިސްފައެވެ. މި ފްލައިޓުން ރާއްޖެ އައި ފަތުރުވެރިންނަށް މަރުޙަބާކިޔާފައިވަނީ ރަތް ފިނިފެންމަލުންނެވެ.

މޯލްޑިވިއަނުން ޗައިނާގެ ޝެންޖެންއަށް ފެށި މި ދަތުރުތަކަކީ ސީޒަނަލް ދަތުރުތަކެކެވެ. މި ދަތުރުތައް އޮގަސްޓްމަހުގެ 21 ވަނަ ދުވަހާއި ހަމައަށް ބާއްވާނެކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. މި މުއްދަތުގެ ތެރޭގައި ހަފްތާއަކު 1 ދަތުރު މޯލްޑިވިއަނުން ޝެންޖެންއަށް ކުރާނެއެވެ.

މޯލްޑިވިއަނުން ދަނީ އެ ކުންފުނީގެ ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. މިއަހަރުގެ ޖަނަވަރީ މަހުގެތެރޭގައި މޯލްޑިވިއަނުން ވަނީ ޗައިނާގެ 3 މަންޒިލަކަށް ދަތުރުތައް ފަށާފައެވެ. އެއީ ޗެންޑޫ، ބެއިޖިން އަދި ޝެންހާއީއަށެވެ.

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ މަންޒިލްތަކަށް ފަށާފައިމިވަނީ ޖަނަވަރީ މަހު އެ ކުންފުނީގެ ފްލީޓަށް ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓާ އެކުގައެވެ. މޯލްޑިވިއަންގެ ފްލީޓަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ބޭނުންކުރަން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މިއަހަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 150،000 އަށްވުރެ އިތުރެވެ.

މޯލްޑިވިއަނުން ޗައިނާގެ މާކެޓް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދާދިފަހުން ވަނީ ޗައިނާގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ޓްރެވަލް ސްކައި ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމާ ރަސްމީކޮށް ގުޅިފައެވެ. މިއީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދޭ، ޗައިނާގެ ކުންފުންޏެކެވެ.

މީގެ މައިގަނޑު މަޤްޞަދަކީ ޗައިނާގެ ޓްރެވަލް އެޖެންޓުންނަށާއި ބައިނަލްއަޤްވާމީ ޕާޓްނަރުންނަށް މޯލްޑިވިއަންގެ ޚިދުމަތްތައް ފަސޭހައިން ލިބެން ހުރުމާއި، ޓިކެޓް ހޯދުމުގެ ފަސޭހަކަން އިތުރުކުރުންކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ.