ސިޔާސީ

އދ.ގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެ ހޭދަކޮށްފައި ވަނީ ކާމިޔާބީން ފުރިފައިވާ އަހަރުތަކެއް - ރައީސުލްޖުމްހޫރިއްޔާ


އދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެއިން ހޭދަކޮށްފައި ވަނީ ކާމިޔާބީން ފުރިފައިވާ ފަޚުރުވެރި އަހަރުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ، ދިވެހިރާއްޖެއިން އދ.ގެ މެންބަރަކަށްވިތާ 55 އަހަރު ފުރޭ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި، އދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ މިވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މިގޮތުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެއިން ވަނީ އިޤްތިޞާދީ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ފަތުރުވެރިކަމުގެ ސިނާޢަތެއް ޤާއިމުކޮށް ކުރިއަރުވާފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަކީ ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޤައުމުތަކާއި އެއް ސަފެއްގައި ފައިތިލަ ސާބިތުކުރަމުންދާ ޤައުމެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަކީ ކުދި އަދި ޖަޒީރާ ޤައުމުތަކަށް ބަލާއިރު ބައިނަލްއަޤްވާމީ މައިދާނުގައި އެންމެ ހަރަކާތްތެރިކޮށް މަސައްކަތް ކުރަމުންދާ އެއް ޤައުމެވެ. އަދި، ރާއްޖެއަކީ މޫސުމީ ބަދަލުތަކާއި ކޯވިޑް-19 ގެ ބަލިމަޑުކަން ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމުގައި އެހެން ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރާ ޤައުމެއްކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ އިތުރުން، އދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ލިބޭ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއިން އަބަދުމެ ހިފަމުންދާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ރާއްޖެއިން ހޭދަކޮށްފައިވާ ދެ ދައުރަށް އަލިއަޅުއްވައިލައްވާފައެވެ.

ރާއްޖެއިން އދ.ގެ މެންބަރަކަށްވިތާ 55 އަހަރު ފުރޭ މި މުނާސަބާ ފާހަގަކުރަމުން މިދަނީ އެ ޖަމުޢިއްޔާއަށް ވެސް 75 އަހަރު ފުރޭ މުނާސަބަތާއި އެކުއެކީގައިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޖަމުޢިއްޔާގެ ޗާޓަރއަށް ރާއްޖެއިން އިޙުތިރާމުކޮށް، އެ ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް އޮތް ހައްލަކީ ބައިނަލްއަޤްވާމީ މައިދާނުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާކުރުން ކަމުގައި ވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ރާއްޖެއިން އދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ހޭދަކޮށްފައިވާ ދިގު ތާރީޚަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އިންޑިއާ ކަނޑުގައި އޮތް ކުޑަ އާބާދީއެއްގެ ޤައުމަކަށް، އެ ޖަމުޢިއްޔާގެ މެންބަރެއްގެ ގޮތުގައި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކުރެވޭނެ ކަމާއިމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އެއިރު ސުވާލުތަކެއް ހުރިކަމަށެވެ. ނަމަވެސް، އެ ޖަމުޢިއްޔާގެ މެންބަރު ޤައުމެއްގެ މަޤާމު ރާއްޖެއަށް ލިބިގެންދިއުމަކީ ދިވެހިރާއްޖެއިން އަބަދުމެ ޝުކުރުވެރިވާނެ ނިންމުމެއް ކަމުގައި ވެސް އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވިއެވެ.