ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވް ވިޔަސް ބަލީގައި މަރުވާ މީހުން ކަނޑައަޅަނީ ވަކި މިންގަނޑަކަށް ބަލާފައި


ކޯވިޑް-19ގެ ބަލި މީހުން މަރުވަނީ އެ ބަލީގައިކަން ކަނޑައަޅަނީ ދެ މިންގަނޑަކަށް ބަލައިގެންކަމަށް އެޗްއީއޯސީގެ ކްލިނިކަލް މެނޭޖްމަންޓް ޑިޕަރޓްމަންޓްގެ ޑޮކްޓަރ ޑރ.މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ބަލި ހަށިގަނޑުގައި ހުރި މީހަކު މަރުވިނަމަވެސް، ބައެއް ޙާލަތްތަކުގައި އެ މަރަކީ ކޯވިޑް މަރެއް ނޫންކަމަށް ކަނޑައަޅާ ޙާލަތްތަވެސް އާދެއެވެ. މިފަދަ ބައެއް ކޭސްތައް ރާއްޖެއިންވެސް ފެނިފައިވެއެވެ. މިކަމާއި ގުޅޭ މަޢުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ކްލިނިކަލް މެނޭޖްމަންޓް ޑިޕަރޓްމަންޓްގެ ޑޮކްޓަރ ޑރ.މޫސާ މުރާދު ވިދާޅުވީ ކޯވިޑް-19 ބަލީގައި މަރުވި މީހެއްކަމަށް ކަނޑައަޅަނީ ބައިނަލްއަޤްވާމީގޮތުން ބަލާ ދެ މިންގަނޑަކަށް ބަލައިގެންކަމަށެވެ.

އެގޮތުން ސީދާ އެ ބަލީގައި މަރުވާމީހުންކަމަށް ކަނޑައަޅަނީ ކޯވިޑް-19ގެ ސަބަބުން ހަށިގަނޑުގެ ގުނަވަނަކަށް ދިމާވާ ސިއްޙީ މައްސަލައެއްގެ ސަބަބުން މަރުވާމީހުންނާއި އެ ބަލީގެ ސަބަބުން ފުއްޕާމޭގައި ނިއުމޯނިއާ ހުރުމާއި، އަދި ލޭގެ މައްސަލަތައް ދިމާވެގެން މަރުވާމީހުންނެވެ. އަދި އެހެން ބައްޔެއް ހުންނަ މީހަކަށް ކޯވިޑް-19 ޖެހި އެ ބައްޔެއް އިތުރަށް ގޯސްވުމުގެ ސަބަބުން މަރުވާ މީހުންވެސް ބަލާނީ ކޯވިޑް-19ގައި މަރުވާ މީހުންގެ ގޮތުގައިކަމަށް ޑރ.މޫސާ މުރާދު ވިދާޅުވިއެވެ.

"މިސާލަކަށް ހަށިގަނޑުގައި ކޯވިޑް ހުރިނަމަވެސް އެކްސިޑެންޓެއްގައި މަރުވުން، ވިހައެއްގެ ސަބަބުން މަރުވުން ނުވަތަ އޯވަޑޯޒްވެގެން މަރުވާ މީހުން ނުބަލާނެ ކޯވިޑް މަރަކަށް. އެއީ އެމީހާ އެ މަރުވީ ކޯވިޑް ކޮމްޕްލިކޭޝަންތަކުގެ ސަބަބަކުން ނޫން" ޑރ.މޫސާ މުރާދު ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19ޖެހިގެން މިހާތަނަށް 31 މީހުންވަނީ ނިޔާވެފައެވެ. މީގެތެރޭގައި ގިނައީ އުމުރުން ދުވަސްވުމާއި، އަދި އިތުރު އެހެން ދާއިމީ ބަލިތަކަށް ފަރުވާކުރަމުންދިޔަ މީހުންނެވެ.