ރިޕޯޓް

ބ.އޭދަފުށީ މަގުތަކުގައި ތާރުއަޅާ ނިންމާލައިފި


ބ.އޭދަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ. އޭދަފުށީ މަގުތަކުގައި މިހާރު ކުރިއަށްދަނީ ފެންހިންދުމަށްޓަކައި ޕަންޕް ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކަމަށް އެމަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީން މަޢުލޫމާތުދެއެވެ.

އެމްޓީސީސީން ބުނީ މަގުހެދުމުގެ 87 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.

މިމަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި އޭދަފުށީގައި 22،942 ސްކުއެއަރ މީޓަރުގެ ސަރަހައްދެއް އެކުލެވޭ 19 މަގެއްގައި ތާރުއާޅާ ފެންހިންދާ ނިޒާމް ހަރުކުރުމާއި، ގްރެވިޓީ ޕައިޕްނެޓްވޯކް އެޅުން ހިމެނެއެވެ.

ޕްރޮޖެކްޓް ތެރޭގައި ހިމެނޭ 19 މަގުގެ އިތުރުން މިހާރުވެސް އިތުރު މަގެއްގައި ތާރުއެޅުމަށް އެމްޓީސީސީން އަންނަނީ ތައްޔާރުވަމުންނެވެ. އެކުންފުނިން ބުނީ މިމަގު ހަދަނީ ސްކޫލް ސަރައްދައް ދާ މީހުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ ކަމަށެވެ.

ޒަމާނީ ފެންވަރަކަށް ބ.އޭދަފުށީ މަގުހެދުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. މަގުހެދުމުގެ އަމަލީމަސައްކަތް އެކުންފުނިން ފަށާފައިވަނީ 22 އޭޕްރީލް 2019 ގައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީއާ މިމަސައްކަތް ހަވާލުކުރީ 34.4 މިލިއަންރުފިޔާއަށެވެ.